ހއ. އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގައި "ފީހޮޅި އެޅުން" ހުއްޓުވަން ޖެހޭކަމަށް ކުރީގެ އެރަށު ކައުންސިލް ރައީސް މުޙައްމަދު ރަޝީދު ގޮވާލައިފި އެވެ.

މިކަމާއި ގުޅޭގޮތުން ރަޝީދު ވަނީ މީސް މިޑިޔާގައި ކަންބޮޑުވުން ފާޅުކޮށް ތުޙުމަތުތަކެއް ކުރައްވާފަ އެވެ. އެގޮތުން އެރަށު މަގުތައް ހެދުމަށް ކުރީ ސަރުކާރުން ގެނާ ހޮޅި (އަޅި ކުލައިގެ ހޮޅި) އެއީ ފީ ހޮޅިކަމަށް ރައުޔުނެރެ އިހަވަންދޫ ކައުންސިލުން އެ ހޮޅިތަށް މަގުތަކަށް ނޭޅެނެކަމަށް ބުނެ އެދުވަހު އަޑުއުފުލިކަަމަށާއި ކުރިންގެނައި ހޮޅި ބެހެއްޓުމަށްފަހު މި ވެރިކަމުގައި ގެނެވުނީ އަސްލު ފީހޮޅިތަކެއް ކަމަށް ރައްޔިތުން ބުނުމުން މިނިސްޓްރީން ޗެކްކުރުމަށްފަހު އެ ހޮޅިތަކުގެތެރޭ ހުރި ކަޅުކަން ގަދަ ހޮޅި ނޫނީ ނާޅަން އާރު.ޑީ.ސީ އިހަވަންދޫ ސައިޓުގެ އިސްވެރިންނަށް އެންގިކަމަށް ރަޝީދު ތުޙުމަތުކޮށްފައިވެއެވެ.

Ad
rt

"ގެނެވުނު އަސްލު ފީހޮޅި (ކަޅުކުލަ ފަނޑު ހޮޅި) ބަހައްޓާ މަސައްކަތް ކުރިއަށްގެންދަން ކުރިން ގެނާ ހޮޅި (އަޅި ކުލައިގެ ހޮޅި) މިވެރިކަމުގައި ވަޅުލާ ނިމިނުއިރުވެސް ކައުންސިލަރުން ތިބީ އަނގަމަތީ މަލަން އަޅާގެން އަތްޖައްސަވާށެވެ. ހިނގަހިނގާ އޮތް އެއްމެ މަސަކަތެއްވެސް ކުރިއަށްގެންދެވެން އޮތީ މަގުހެދުމުގެ މަސައްކަތް ކަމަށްވުމުން ކޮލެޓީ ރަނގަޅު ހޮޅިތަކެއް (މުށި ކުލައިގެ ހޮޅި) ރަށަށްވަނީ ގެނެސް ރަށުގެ މަގުތަކުގާ އަޅަންފަށާފައެވެ."

ފޭސްބުކުގައި ހިއްސާކުރި ޕޯސްޓުގައި ރަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން، ހޮޅި ހުސްވެ މަސައްކަތް ހުއްޓަނުދީ ކުރިއަށް ދާކަން ދަށްކަން އެއްކަލަ އަސްލު ފީ ހޮޅި (ކަޅުކުލަ ފަނޑު) އަޅާ މަސައްކަތް ކުރަމުންދާތީ ހިތާމަ ކުރާކަމަށާއި ވަގުތުން މަސައްކަތް ހުއްޓާލުމަށް ގޮވާލާކަމަށް ރަޝީދު ވިދާޅުވި އެވެ.

ރަޝީދުގެ މި ތުޙުމަތު ތަކަށް، ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަދި އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ވިދާޅުވީ، "ތިޔައީ ދޮގު ސިޔާސީ ވާހަކައެއް" ކަމަށެވެ.

"އާރުޑީސީން އެއް ޝިޕްމެންޓެއްގައި ދެ ވައްތަރެއްގެ ހޮޅި ގެނައި، އެތަނުން އެއް ވައްތަރަކީ މަޝްރޫޢަށް ބޭނުންކުރަން ރަނގަޅު ހޮޅިތަކެއްނޫންކަމަށް ކައުންސިލަށް ފެނިގެން އާރުޑީސީއާއި ވާހަކަ ދައްކައިގެން އެ ހޮޅިތައް މިހާރު ވަނީ ރެޖެކްޓްކޮށްފައި، އަދި ކައުންސިލްގެ މަސައްކަތުން ބޭނުންކުރާނީ ރަނގަޅު ހޮޅިކަމުގެ ޔަގީންކަން ވަނީ ލިބިފައި"

ހޮޅިތަކުގެ މައްސަލައާއި ގުޅޭގޮތުން "ތިލަދުން" އިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އިހަވަންދޫ ކައުންސިލްގެ މިހާރުގެ ރައީސް އަޙްމަދު ޞަބާޙް ވިދާޅުވެފައިވެއެވެ.

އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ.

މިމަޝްރޫއުގެ ދަށުން އިހަވަންދޫގެ 15 މަގު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެއެވެ. އާރްޑީސީން ބުނީ މި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރާއިރު، ފެން ހިންދުމުގެ ނިޒާމު ގާއިމްކުރާނެ ކަމަށެވެ. އަދި މަގުހަދާ ނިމޭއިރު މަގުތަކުގައި ނިޝާންތައް ކުރަހާ މަގުބައްތިވެސް ހަރުކުރާނެ ކަމަށެވެ.

މަސައްކަތް ރަސްމީކޮށް ފެށި ދުވަހު އާރްޑީސީން ބުނީ މިމަޝްރޫއު ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއު އާރުޑީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި 102 މިލިޔަން ރުފިޔާއަށެވެ.