ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ކާރިސާތަކަށް ތައްޔާރުވުމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޤާބިލުކަން އިތުރުކުރުމަށް މިއަދު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ސްޓެލްކޯގެ ޤާބިލުކަން އިތުރުކޮށް، ކާރިސާތަކަށް ތައްޔާރުވުމަށް މަގުފަހިކުރުމެވެ. މި އެއްބަސްވުމުގެ ދަށުން، ސްޓެލްކޯގެ މުވައްޒަފުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އަމާޒުކޮށް، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެކަށީގެންވާ ގޮތެއްގައި ކަންކަން ބެލެހެއްޓުމަށް މަސައްކަތްކުރެވޭނެއެވެ.
މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ސްޓެލްކޯއަކީ އަބަދުވެސް ޤައުމީ ކާރިސާތަކުގަ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ އަދި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރާ ބައެއްކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑުމެންނަށް މިފަދަ ކާރިސާތަކެއްގަ އަމަލުކުރާނެ ގޮތެއް މިހާތަނަށް އެސްޓެބްލިޝްވެފަ ކުންފުނީގަ ނެތް. ޤައުމީ ކާރިސާތަކުގަ އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅިފަކާ ނެތް. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގަ އެބަހުރި އަޅުގަނޑުމެންގެ ތެރޭގަ ހިނގާ ކަންތައްތަކުގަ އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅިފަ. ޤައުމީ ފެންވަރެއްގަ ގުޅިގެން މިފަދަ މަސައްކަތެއް ކުރުން މުހިއްމުކަން އަޅުގަނޑުމެންނަށް ފެންނާތީ ސްޓެލްކޯއާ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ އެކު ވެވުނު މަޝްވަރާތަކުގެ މަތިން މިއަދު މި ފަހުމުނާމާގައި މި ސޮއިކުރީ"
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވި އެވެ.

މި ފަހުމުނާމާގެ މައިގަނޑު ނުކުތާތައް:
1. ސްޓެލްކޯގެ ހިންގުމުގެ ނިޒާމުތަކުގައި ހުރި ހިރާސްތައް ދެނެގަތުމަށް އެން.ޑީ.އެމް.އޭ އިން އެހީތެރިވުން
2. ސްޓެލްކޯގެ ކްރައިސިސް މެނޭޖްމަންޓް އޮނިގަނޑުތައް ދިރާސާކޮށް، ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކުރުން
3. ސްޓެލްކޯއަށް އައު ކްރައިސިސް މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލުން
4. ކުންފުނީގެ އެމަރޖެންސީ ރެސްޕޮންސް ޓީމެއް އުފައްދައި، މުވައްޒަފުން ތަމްރީނުކުރުން
5. ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތުގެ އަމަލީ ތަމްރީނުތައް ހިންގުން
6. ކުއްލި ހާލަތުގައި އިމާރާތްތަކުން މީހުން ހުސްކުރުމުގެ ޕްލޭންތައް މުރާޖަޢާކޮށް އަދާހަމަކުރުން
އެންޑީއެމްއޭއިން ބުނެފައިވާ ގޮތުގައި، ވިޔަފާރި މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ބާރުއެޅުމަކީ އެ އޮތޯރިޓީގެ ދެމެހެއްޓެނިވި މަސައްކަތްތަކުގެ މުހިންމު ބައެކެވެ. މި އެއްބަސްވުމުގެ ސަބަބުން، އެއްވެސް ދަތިއުނދަގޫ ކަމެއް ދިމާވި ނަމަވެސް، ސްޓެލްކޯއިން ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެކަން ކަށަވަރުވާނެއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ފަހުމީ ވިދާޅުވީ، ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އިސްކަންދެއްވާފައިވާތީ އެންޑީއެމްއޭއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ސްޓެލްކޯގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!