އާޔަތުލް ކުރުސިއަކީ މާތްﷲ ކީރިތި ޤުރުއާންގައި ވަޙީކުރައްވާފައިވާ އާޔަތްތަކުގެ ތެރެއިން އާޔަތެކެވެ. އާޔަތުލް ކުރުސިއަކީ ބަޤަރާ ސޫރަތުގެ 255 ވަނަ އާޔަތެވެ. އާޔަތުލް ކުރްސީގައި 50 ކަލިމަ ހިމެނެއެވެ. ކޮންމެ ކަލިމައަކީވެސް އެތައް ގޮތަކުން އޭގެ ދަރުމަޔާއި ހެޔޮ އަސަރުކުރެއެވެ.

މާތް ނަބިއްޔާ މުހައްމަދު صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. ކޮންމެ ރެއަކު އާޔަތުލް ކުރުސި ކިޔާށެވެ. އަދި ހެނދުނާއި ހަވީރުވެސް ކިޔާށެވެ. ނިދުމުގެ ކުރީގައި އާޔަތުލް ކުރުސީ ކިޔުން ސުންނަތް ވެގެންވެއެވެ.

Ad
rt

ނިދުމުގެ ކުރިން އާޔަތުލް ކުރުސި ކިޔައިފި މީހާއާ ފަޖުރުގެ އަލިކަން ފާޅުވަންދެން ޝައިތާނާ ކައިރި ނުވާނޭ ކަމަށާއި، މާތް ﷲ ހަޟުރަތުން އޭނާއަށް ރައްކާތެރިކަން ލިބިގެންވާކަމުގައި ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި آية الكرسي ކިޔައިފިމީހާ ސުވަރުގެ ވަނުމާއި އޭނައާ ދެމެދުގައިވަނީ މަރުވުމެވެ.

ތިރީގައި މި ހިއްސާކޮށްލަނީ އާޔަތުލް ކުރުސީގެ މާނައާއި އެ އާޔަތުގެ ތަފްސީރެވެ.

ތަފްސީރު ނަގާފައިވާނީ اَلتَّفْسِيْرُ الْوَاضِحُ الْمُيَسَّرُ "ބަޔާން ވެގެންވާ ފަސޭހަ ތަފްސީރު" ގެ ދިވެހި ތަރުޖަމާ އިންނެވެ.

اللَّهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ

މާނަ: اللَّه އީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއް ވެވޭ إله އަކުނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، دائم އަށް قائم ވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ. އުޑުތަކުގައި ވާހައި އެއްޗަކާއި، އަދި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ إذن ފުޅާ ނުލައި އެކަލާނގެ حضرة ގައި شفاعة ތެރިވާނޭ މީހަކީ ކާކުހެއްޔެވެ؟ އެއުރެންގެ ކުރިން (އެބަހީ: خلق ތަކުންގެ ކުރިން) އިސްވެގޮސްފައިވާހައި ކަމަކާއި، އެއުރެންގެ ފަހުން ވާނޭހައި ކަމެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި، އެކަލާނގެ علم ފުޅުގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވިކަމެއް ފިޔަވައި، އެއްވެސް އެއްޗެއް އެއުރެންނަކަށް އެނގިގެނެއް ނުވެއެވެ. އެކަލާނގެ كرسى، އުޑުތަކާއި، ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސް ވެގެންވެއެވެ. އެ އުޑުތަކާއި، ބިން، ރައްކާތެރި ކުރައްވައި ހިފެހެއްޓެވުމަށް އެކަލާނގެ حضرة އަކަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އަދި، އެކަލާނގެއީ، އެންމެ އަޅުކަންކުރުން ޙައްޤުވެގެންވާ ފަރާތަކީ ގަދަ ކީރިތިވަންތަ މާތް ﷲ އެވެ. އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވެއެވެ. އެކަލާނގެއީ އެއްކައުވަންތަ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އެކަލާނގެ އެއްވެސް އެއްޗަކަށް ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ. ފަނާވުމެއް ނެތި އަބަދުގެ އަބަދަށް ދިރިދެމިވޮޑިގެންވާ ރަސްކަލާނގެއެވެ. އަޅުތަކުންގެ ކަންތައް ރާއްވަވައި ހިންގެވުމުގައި އަބަދުމެ ޤާއިމްވެވޮޑިގެންވާ ރަސްކަލާނގެއެވެ.

އާޔަތުލް ކުރުސީގެ ތަފްސީރު

﴿لَا تَأْخُذُهُۥ سِنَةٌ وَلَا نَوْمٌ ۚ﴾ އެކަލާނގެއަށް އަވަހާރަފުޅު އައުމެއް، އަދި އަވަހާރަފުޅުލެއްޕެވުމެއް ނުވެއެވެ. އެހެނީ، ނިންޖަކީ މަރުގެ ފެށުމެވެ. އަދި މާތް الله އަށް އަވަހާރަފުޅު ލެއްޕެވުމެއް، އަދި އަވަހާރަވުމެއް ނުވެއެވެ. ޙަދީޘުގައި އައިސްފައި ވެއެވެ. "إِنَّ الله عَزَّ وَجَلَّ لاَ يَنَامُ وَلاَ يَنْبَغِي لَهُ أَنْ يَنَامَ. يَخْفِضُ الْقِسْطَ وَيَرْفَعُهُ .... حِجَابُهُ النُّورُ، لَوْ كَشَفَهُ لأَحْرَقَتْ سُبُحَاتُ وَجْهِهِ مَا انْتَهَى إِلَيْهِ بَصَرُهُ مِنْ خَلْقِهِ" (صحيح مسلم، كتاب الإيمان، باب في قوله عليه السلام: إن الله لا ينام) (ހަމަކަށަވަރުން މާތް الله އަވަހާރަފުޅު ނުލައްޕަވައެވެ. އަދި އަވަހާރަފުޅުލެއްޕެވުމަކީ އެކަލާނގެއަށް އެކަށީގެންވާ ކަމެއްވެސް ނޫނެވެ. އެކަލާނގެ މީޒާން ތިރިކުރައްވައި އުފުއްލަވައެވެ. އެކަލާނގެ ފަރުދާކޮޅު ވަނީ ނޫރުންނެވެ. އެކަލާނގެ އެ ފަރުދާކޮޅު ކަޝްފުކުރައްވައިފި ނަމަ، އެކަލާނގެ ވަޖުހުފުޅުގެ ނޫރުން އެކަލާނގެ ހުރިހާ މަޚްލޫޤުން އަނދައިގެން ދިޔައީހެވެ.) (ޞަޙީޙު މުސްލިމް، ޙަދީޘު: 179 (293) ) ﴿لَّهُۥ مَا فِى ٱلسَّمَـٰوَ‌ٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ ﴾ ކައުނުގައިވާ ހުރިހާ އެއްޗެއް މިލްކުވެވޮޑިގެންވަނީ އެކަލާނގެއަށެވެ. ހުރިހާ މަޚްލޫޤުންނަކީ އެކަލާނގެ އަޅުންނެވެ. މާތް الله އިޛްނަ ދެއްވި މީހަކަށް ނޫނީ ޤިޔާމަތްދުވަހު، އެކަލާނގެ ޙަޟްރަތުގައި އެއްވެސް މީހަކަށް ޝަފާޢަތްތެރި ނުވެވޭނެއެވެ. މިއީ އެކަލާނގެ މަތިވެރިކަމާއި، ކިބްރިޔާވަންތަކަން ބަޔާންކުރެއްވުމެވެ. ﴿يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ﴾ ދުނިޔެއާއި އާޚިރަތުގެ ކަންކަމުގެ ތެރެއިން މީސްތަކުންނަށް ފެންނަ ކަންކަމާއި، އެބައިމީހުންނަށް ނުފެންނަ، ޣައިބުގައިވާ ކަންކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެ ޢިލްމުގެ ތެރެއިން އެކަލާނގެ ދެއްވި އެއްޗެއް ނޫނީ މަލާއިކަތުންނާއި، ނަބިއްޔުންނާއި ހުރިހާ މަޚްލޫޤުންގެ ތެރެއިން އެއްވެސް ފަރާތަކަށް ލިބުމެއް ނުވެއެވެ. ﴿وَسِعَ كُرْسِيُّهُ ٱلسَّمَـٰوَ‌ٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ﴾ އެކަލާނގެ ކުރުސީ އުޑުތަކާއި ބިމުގެ ހުރިހާ ކަންކޮޅުތަކަށް ތަނަވަސްވެގެން ވެއެވެ. އުޑުތަކާއި ބިމާއި، އެދެމެދުގައިވާ ހުރިހާ މަޚްލޫޤުން ރައްކާތެރިކުރައްވައި ބެލެހެއްޓެވުމަށް އެކަލާނގެ ޙަޟްރަތަށް އެއްވެސް ބުރަކަމެއް ނުވެއެވެ. ގަދަކީރިތިވަންތަ މާތް الله ވޮޑިގެންވަނީ އެންމެހާ ޚަލްޤުތަކުންނަށް ވުރެ މަތީގައެވެ. އެކަލާނގެއީ އެންމެ މަތިވެރި އެންމެ މާތް ރަސްކަލާނގެއެވެ. ކުރްސިއަކީ މާތް اللهގެ މަތިވެރި މަޚްލޫޤުންގެ ތެރެއިން މަޚްލޫޤެކެވެ. އެއީ ޢަރްޝަށް ނިސްބަތްކޮށް ބަލާއިރު މާތް اللهއަށް ނޫނީ އޭގެ ތަނަވަސްކަން ނޭނގޭ ތަނަވަސް ސަހަރާއެއްގެ މެދުގައި އޮތް ކުޑަކުޑަ ބޮޅެއް ފަދައެވެ. ވީމާ، ކުރުސީ އުޑުތަކާއި ބިންތަކަށް ވުރެ ތަނަވަސްވެގެންވާއިރު، ޢަރްޝުގެ ތަނަވަސްކަން ކިހާވަރެއް ވާނެ ހެއްޔެވެ؟ މާތް الله ވޮޑިގެންވަނީ އުޑުގައި ކަމަށް ބައެއް މީހުން ހީކުރާ ހީކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ. ފަހެ، މާތް الله ވޮޑިގެންވަނީ، އެކަލާނގެ އަންގަވާފައި ވާ ފަދައިން ޢަރްޝުގައެވެ. އަދި ޢަރްޝު ވަނީ ހުރިހާ ތަކެއްޗަށް ވުރެ ތަނަވަސް ވެގެންނެވެ. ކުރުސީއާއި އުޑުތަކާއި ބިންތަކަށްވުރެވެސް ތަނަވަސްވެގެންނެވެ. ޢަރުޝުގެ ތަނަވަސްކަމާއި އޭގެ މަތިވެރިކަން މާތް الله ފިޔަވައި އެއްވެސް ފަރާތަކަށް ނޭނގެއެވެ. ވީމާ، ތިބާ މިކަން ރަނގަޅަށް ދެނެގަންނާށެވެ. ތިބާއަށް މާތް الله ހިދާޔަތް ދެއްވާށިއެވެ.