ޒަކާތު ފަންޑުން ޖޫންމަހު 107 މީހަކަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާގެ އެހީ ދީފިއެވެ.
ދިވެހި ރާއްޖޭގެ ޒަކާތު ހައުސްގެ ޖޫން 2024ގެ ތަފާސް ހިސާބު ރިޕޯޓު އިއްޔެ އާންމުކޮށްފައިވާއިރު، ޖޫން މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޒަކާތު ފަންޑުން ޖޫން މަހު ފަޤީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި، 107 މީހަކަށް ޖުމްލަ 870957 ރުފިޔާގެ އެހީ ވަނީ ދީފައެވެ.
މި އެހީ ދީފައިވާ ފަރުވާގެ ތެރޭގައި ތަފާތު ބޮޑެތި ހަތަރު ބައްޔަކަށް ފަރުވާ ކުރުމަށް އެހީ ދީފަ ވެއެވެ. މިގޮތުން މިދިޔަ މަހު ވެސް އެންމެ ބޮޑު އެހީއެއް ދީފައި ވަނީ، މެއި މަހު ވެސް އެންމެ ބޮޑު އެހީއެއް ދިން ކެންސަރު ބައްޔަށް ބޭސްކުރުމަށެވެ. މި ބައްޔަށް ބޭސްކުރުމަށް ޖޫންމަހު 262،911.00 ރުފިޔާ ދީފަވެއެވެ. މޭ މަހު ދީފައި ވަނީ 454،574.50 ރުފިޔާގެ އެހީ އެވެ.
ދެން އެންމެ ބޮޑު އެހީއެއް ދީފައި ވަނީ މެއި މަހު ވެސް ދެވަނަ އަށް އެންމެ ބޮޑު އެހީއެއް ދިން ސިކުނޑީގެ އޮޕަރޭޝަން ކުރުމަށެވެ. މިގޮތުން މިކަމަށް ޖޫންމަހު 124،580.53 ރުފިޔާގެ އެހީ ދިނެވެ. މެއި މަހު މިކަމަށް ދިނީ 72،088.50 ރުފިޔާގެ އެހީ އެވެ.
މީގެ އިތުރުން ކިޑްނީ ބަލިތަކަށް ބޭސްކުރަން ޖޫންމަހު 97،531.50 ރުފިޔާ އަދި ހިތުގެ އޮޕަރޭޝަން ކުރަން 38،164.00 ރުފިޔާގެ އެހީ ދީފަވެއެވެ. މެއި މަހު ކިޑްނީގެ ބަލިތަކަށް ބޭސްކުރަން ދިނީ 89،050.50 ރުފިޔާގެ އެހީ އެވެ. އަދި ހިތުގެ އޮޕަރޭޝަން ކުރަން 67،848 ރުފިޔާގެ އެހީ ދީފަވެއެވެ.
ޒަކާތު ފަންޑުން މިދިޔަ މޭމަހު އެހެނިހެން ބަލިތަކަށް ބޭސްކުރަން 322،327.50 ރުފިޔާ ވަނީ ދޫކޮށްފައެވެ.
ޒަކާތު ހައުސްއިން ކޮށްފައިވާ އެހެނިހެން ޚަރަދުތަކަށް ބަލާއިރު، ޒަކާތުގެ މަސައްކަތް ކުރުމަށް ޒަކާތު ފަންޑުން ނަގާފައިވާ މުވައްޒަފުންގެ އުޖޫރައެއްގެ ގޮތުގައި ޖޫން މަހު 273،026.48 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މެއި މަހު މިކަމަށް ޚަރަދު ކުރީ 262،2666.50 ރުފިޔާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!