މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ "ތިލަދެކުނު ފުޓްސަލް މުބާރާތް 2024" ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން އިޢުލާންކޮށްފިއެވެ.
މި މުބާރާތް ހޯސްޓްކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ހދ. އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގާ، ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ކްލަބް އަދި ޖަމްޢިއްޔާތަކަށެވެ. ޝައުޤުވެރިވާ ފަރާތްތަކުން މި ފުރުޞަތަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުމަށް ހދ. އަތޮޅު ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެކަމަށް އެކައުންސިލުން ބުނެއެވެ.
މިމަހުގެ 16 ވަނަ ދުވަހު މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާއިރު 17 ވަނަ ދުވަހު ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ ހދ. އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަދި ޕްރޮޕޯސަލް ހުށަހެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިކަން ވެސް ވަނީ އަންގާފައެވެ.
މި މުބާރާތަކީ ހދ. އަތޮޅުގެ އަންހެނުންގެ ކުޅިވަރު ކުރިއެރުވުމަށާއި، އަތޮޅުގެ އެކި ރަށްރަށުގެ ގުޅުން ބަދަހިކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ މުބާރާތެއް ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!