ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ތުރުކީން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެން (2-1) މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުން ނެދަލެންޑްސް ޖާގަ ހޯދައިފިއެވެ.

ސެމީ ފައިނަލުގައި ނެދަލެންޑްސް ވާދަކުރަން ޖެހޭނީ، ޕެނަލްޓީގައި ސްވިޒަލޭންޑް ބަލިކޮށް ސެމީ ފައިނަލުން ޖާގަ ހޯދި އެންމެ ފަހުގެ ރަނަރަޕް ޓީމް ކަމަށްވާ އިންގްލެންޑާއެވެ.

Ad
rt

ރޭ މެޗުގައި ނެދަލެންޑްސްއާއި ތުރުކީގެ ފަރާތުން އަވަސް ކުޅުމެއް ފެނުނުއިރު، މެޗުގެ ފުރަތަމަ ލަނޑު ތުރުކީން ކާމިޔާބު ކޮށްފައި ވަނީ 35 ވަނަ މިނެޓުގައެވެ. ތުރުކީގެ އުންމީދީ ޒުވާން އެޓޭކިން މިޑްފީލްޑަރ އާދާ ގުލާ ތަނަވަސް ކޮށްދިން ފުރުސަތުގައި މި ލަނޑު ޖަހާފައި ވަނީ އަކައިދިންއެވެ. ހާފުގެ ފަހުކޮޅު ނަތީޖާ ހަމަހަމަ ކުރެވޭތޯ ނެދަލެންޑްސް އިން މަސައްކަތް ކުރި ނަމަވެސް ހާފު ނިމިގެން ދިޔައީ ތުރުކީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ތުރުކީން ފެށީ ޑިފެންސަށް އިސްކަން ދީގެންނެވެ. މިއާއި ހިލާފަށް ނެދަލެންޑްސް ފެނުނީ ވަރަށް ބޮޑަށް ޓީމް އެޓޭކަށް އަރައިގެން ތުރުކީއަށް ބާރުބޮޑުކުރި މަންޒަރެވެ. މެޗުގެ ނަތީޖާ ނެދަލެންޑްސްއަށް ހަމަހަމަ ކޮށްދިން ލަނޑު، 70 ވަނަ މިނެޓުގައި ޖަހައިދިނީ ސްޓެފަން އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ޑިޕާއީ ނަގައިދިން ކޯނަރަކުން ހުހަށްހުރެ ބޮލުން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ. އޭގެ ހަ މިނެޓްފަހުން ގަކްޕޯ ވަނީ ލަނޑުޖަހައި ނެދަލެންޑްސްއަށް ލީޑު ނަގައިދީފައެވެ.

މެޗުގެ ފަހުކޮޅު ތުރުކީން އެޓޭކަށްއަރައި ނަތީޖާ ހަމަހަމަ ކުރުމަށް ބުރަކޮށް މަސައްކަތްކޮށް ފުރުސަތުތަކެއް ވެސް ހޯދިއެވެ. މިގޮތުން ޒެކީ ސެލިކް ގޯލަށް ފޮނުވާކި ބޯޅަ ސަލާމަތްކުރީ ނެދަލެންޑްސްގެ ޑިފެންޑަރު، މިކީ ވެން ޑަ ވެއިންއެވެ. އަދި އޭގެ ފަހުން، ތުރުކީގެ ސެންކް ޓޮސުން ބޮލުން ޖެހި ބޯޅަ ގޯލާ ސީދާނުވެ ދިޔައިރު، އިތުރު ވަގުތުގައި ސެމީހް ކިލިސޯއި، އޭރިއާތެރެއިން ފޮނުވާލި ރަނގަޅު ހަމަލާއެއް ނެދަލެންޑްސްގެ ކީޕަރު ބާޓް ވާބްރޫގެން ވަނީ މަތަކޮށްފަ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތެއްގެ ސެމީގައި އެންމެ ފަހުން ނެދަލެންޑްސް ކުޅެފައި ވަނީ 2004 ވަނަ އަހަރުއެވެ. އެ އަހަރު އެ ޓީމް ކެޓީ ޕޯޗުގަލް އަތުންނެވެ. ނެދަލެންޑްސްއަކީ ޔޫރޯ ތަށި އެއްފަހަރު ކާމިޔާބު (1988) ކޮށްފައިވާ ޓީމެކެވެ.