ޕެންޑްރައިވްގެ ކަންތައް އެންމެ ރަނގަޅަށް އިނގޭނީ ސުވާލުކުރި މީހާއަށާއި ޖަވާބު ދޭން ހުރި މީހާއަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބުދުއްރަހީމް މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

އަބުދުއްރަހީމް ވިދާޅުވެފައި ވަނީ ''އެ ޕެންޑްރައިވް''ގެ ޝިކާރައަކަށްވީ މީހުން މިއަދު ވެސް ދުނިޔޭގައި އެބަތިބި ކަމަށެވެ.

''ސުވާލު ކުރި މީހާއަށާ ޖަވާބު ދޭން ހުރި މީހާއަށް ޕެންޑްރައިވް ގެ ކަންތައްތައް އެންމެ ރަނގަޅަށް އެނގޭނެކަމަށް ގަބޫލު ކުރެވެނީ'' އަބުދުއްރަހީމް ވިދާޅުވެފަވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސިޔާސީ ބައެއް މީހުންގެ މައްޗަށް ޕެންޑްރައިވުން ލިބުނު ހެއްކަށް ބިނާކޮށް ކަމަށްބުނެ، ދައުވާތައް އުފުލައި، ވާނުވާ ބަންދުގައި ހައްޔަރުކޮށް، ޖަލަށް ލާފައި ވެއެވެ. އަބުދުއްރަހީމް އިޝާރާތް ކުރަށްވާފައި ވަނީ އެކަމަށް ކަމަށް ބެލެވެއެވެ.

އަބުދުއްރަހީމް މި މޭރުމުން މި ވިދާޅުވެފައި ވަނީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)އިން ރޭ ބޭއްވި ހަރުގެ އިވެންޓްގައި، ކުރީގެ ރައީސް ޔާމީން ޕެންޑްރައިވަކާއި ގުޅުވައި ދެއްކެވި ވާހަކައާއި ގުޅިގެން ކަމަށް ބެލެވެއެވެ.

އެ އިވެންޓްގައި އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން ޔާމީން ވަނީ، އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒް ސަލީމް ހައްޔަރުކޮށްފައިވަނީ އޭނާގެ އަތުގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނެވިއިރު ކައުންސިލުން ހިންގި ކޮރަޕްޝަނުގެ އަމަލުތަކެއްގެ ހުރި ޕެންޑްރައިވެއް އޮވެގެންކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވާފައެވެ.

"އެހެންވީމަ ފަހަރުގައި ވެދާނެތޯ ޝަމްނާޒް އެހާ ކައިރިން މަސައްކަތް ކުރި މީހެއް ވީމަ އޭރު ހިނގަފައި ހުރި ހުރިހާ ކޮރަޕްޝަނުގެ މައްސަލަތަކުގެ ޕެންޑްރައިވެއް މީނަ އަތުގައި އޮތީމަ އޭނާ ގެ ރެއިޑް ކުރުމުގެ ފުރުސަތެއް ހޯދީ ކަމަށް،" ޔާމީން ރޭ ވިދާޅުވެފަވެއެވެ.