އަންހެނުންނަށް ޚާއްޞަކޮށްގެން ޓްރެވަލް ކޮންފަރެންސެއް ބޭއްވުމަށް ޓްރެވަލް އެޖެންޓުންގެ ގައުމީ ޖަމްއިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ނިންމައިފިއެވެ.
މަޓާޓޯއިން ބުނީ މި ޓްރެވެލް ކޮންފަރެންސް ކުރިއަށް ގެންދަން ނިންމާފައި ވަނީ ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި މައި އެއް ހޮޓާ، ހޮޓެލް ޖެއިން އާއި ގުޅިގެން ކަމަށެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަންހެނުންނަށް ޚާއްސަކޮށްގެން ބާއްވާ ''މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް - ވިމެންސް އެޑިޝަން'' ކޮންފަރެންސް އޮންނާނީ އަންނަ އޯގަސްޓް މަހުގެ 19 ވަނަ ދުވަހު، ހޮޓެލް ޖެންގައި ކަމަށް މަޓާޓޯއިން ވަނީ ބުނެފަވެއެވެ.
މި ކޮންފަރެންސްގެ މަޤްޞަދަކީ ފަތުރުވެރިކަމުގައި އަންހެނުންނަށް އަސަރުކުރާ މައްސަލަތަކާމެދު މަޝްވަރާކުރުންކަމަށް މަޓާޓޯއިން ވަނީ ބުނެފައެވެ.
މި ކޮންފަރެސް ކުރިއަށް ގެންދާނީ ހަމަހަމަކަން އާލާކުރުމާއި ސިނާއަތަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ހާއްސަ އިސްކަމެއްދީގެން ކަމަށް މަޓާޓޯއިން ބުނެއެވެ.
މި ކޮންފަރެންސްގައި މުޅިންވެސް އަންހެން ވާހަކަދެއްކުންތެރިން ހިމެނޭ ދެ ޕެނަލެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު، އެ ދެ ޕެނަލްގައި މަޝްވަރާ ކުރުމަށް ނިންމާފައިވާ މައުޟޫޢުތަކަކީ، ''ވިމެން އިން މެނޭޖްމަންޓް - އެޑްރެސިން ދަ ޖެންޑަރ ޑިސެމްބްލިޓީ'' އަދި ވިމެން އިން ޓުއަރިޒަމް - ކޮމްބެޓިން ސޯޝަލް ސްޓިގްމާ އެވެ.
މަޓާޓޯއިން ބުނީ މި ކޮންފަރެންސްގެ ބޭނުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ކުރިމަތިވާ ހުރަސްތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށާއި، އެހީތެރިކަމާއި ހަމަހަމަ މާހައުލެއް ގާއިމުކުރުމަށް ބޭނުންވާ ސްޓްރެޓެޖީތައް ދެނެގަތުމެވެ.
މި ކޮންފަރެންސްގެ ޒަރީއާއިން އަންހެނުންނަށް އޯޕަންޑައިލޮގް ޕްރޮމޯޓުކޮށް، ވިސްނުންތައް ހިއްސާކުރުމަށް ފުރުސަތު ފަހިކޮށްދިނުމާއެކު، މި ކޮންފަރެންސްގެ މަގްސަދަކީ އަންހެނުންނަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ފަހި ފުރުސަތުތައް ހޯދައިދިނުންކަމަށް މަޓާޓޯއިން ވަނީ ބުނެފައެވެ.
މަޓާޓޯ ވުޖޫދަށް އައީ 2006 ވަނަ އަހަރު އެވެ. އެ ޖަމިއްޔާ އިން އަންނަނީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ތަފާތު އެވޯޑުތައް ވެސް އެ ޖަމިއްޔާ އިން ތައާރަފްކޮށްފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!