ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގެ އެއްވަނަ ޓީމްގެ ގޮތުގައި ރުމޭނިއާ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. ރޭ ރުމޭނިއާއި ސްލޮވާކިއާ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ.
ވަރަށް ވާދަވެރިކަން ބޮޑުކޮށް ފެނުނު މި ގްރޫޕްގައި ރޭ ބެލްޖިއަމްއާއި ޔުކްރެއިން ބައްދަލުކުރި މެޗު ނިމުނީ 0-0 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ.
މި ނަތީޖާތަކާއިއެކު ގްރޫޕްގައި ހިމެނޭ ހަތަރު ޓީމަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ފައިދާ ގޯލުގެ ގޮތުން ބެލްޖިއަމާއި ރުމޭނިއާ އެއްވަރުވީ ނަމަވެސް ރުމޭނިއާއަށް ގްރޫޕްގެ އެއްވަނަ ލިބެނީ ޖެހި ގޯލު އިތުރު ވުމުންނެވެ.
މި ގްރޫޕްގެ ތިންވަނައަށްދިޔަ ސްލޮވާކިއާ ވެސް ވަނީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. އެ ޓީމަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ގްރޫޕްގެ ފުލަށްދިޔަ ޔުކްރެއިން އަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ޔުކްރެއިން ފުލަށް ދިޔައީ މައިނަސް ދެ ލަނޑު އޮތުމުންނެވެ. ސްލޮވާކިއާއަށް ފައިދާ ގޯލެއް ވެސް އަދި ގެއްލުން ގޯލެއް ވެސް ނެތެވެ. ހަތަރު ޕޮއިންޓާއިއެކު ސްލޮވާކިއާ ވަނީ އެންމެ ރަނގަޅު ނަތީޖާ ހޯދި ތިންވަނަ ޓީމްތައް ތެރޭ ހިމެނި ނޮކައުޓް ބުރުން ޖާގަ ހޯދާފައެވެ.
ރޭ ރުމޭނިއާ އާއި ސްލޮވާކިއާ ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ސްލޮވާކިއާއިންނެވެ. އެ ޓީމަށް މެޗުގެ 24 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ޑުޑާއެވެ. ރުމޭނިއާއިން ނަތީޖާ ހަމަހަމަ ކުރީ 37 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީންނެވެ. ލަނޑު ޖަހައިދިނީ ރަޒްވާން މަރިންއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!