ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބަރަހަނާ ފޮޓޯ އަދި ވީޑިއޯއެއްގައި ފެންނަނީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ނޫން ކަމަށާއި އެފަދަ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަނީ އަބުރަށް އަރައިގަތުމުގެ ބޭނުމުގައި ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.
ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ފަލާހްގެ އަބުރަށް އަރައިގަނެ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ސޯޝަމް މީޑިއާގައި ފަތުރަމުން ގެންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ ވީޑިއޯ އަދި ފޮޓޯތަކަކީ ފަލާހް ނޫން ކަން މީގެ ދެ އަހަރު ކުރިން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ކަށަވަރުކޮށްދީފައި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
"ދެންނެވުނު ފޮޓޯއާއެކު ހަގީގަތާ ހިލާފު ދޮގު ހަބަރު ރޭގެ ވަގުތެއްގައި އެންމެ ފުރަތަމަ ފަތުރާފައިވަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރާ ފިތުނަ އުފެއްދުމުގައި ހައްދުފަހަނައަޅާފައިވާ ހަސަން ކުރުސީ ނަމުގައި ހަދާފައިވާ ފޭކް އެކްސް އެކައުންޓަކުންކަންވެސް ފާހަގަކުރަމެވެ. އަދި މިނޫންވެސް އިތުރު ފަރާތްތަކުން މި ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ގެންދަނީ ފަތުރަމުންނެވެ." އެ ބަޔާނުގައިވެއެވެ.
ވީމާ މިފަދަ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ދައްކާ އަދި ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އަޅަން ޕީޕީއެމް/ޕީއެންސީން ވަނީ ފުލުހުންނަށް ގޮވާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!