މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައި ވަނީ ޖުމްލަ 1،833،164 މީހުންކަން ސައޫދީ ސަރުކާރުން ހާމަކޮށްފިއެވެ.
ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން އިއްޔެ އާންމު ކުރި މިއަހަރުގެ ހައްޖުގެ ތަފާސް ހިސާބުގައިވާގޮތުން މިއަހަރު 1،833،164 މީހުން ވަނީ ހައްޖުގެ އަޅުކަން ފުރިހަމަކުރުމުގައި ބައިވެރިވެފައެވެ. އަދި އެމީހުންނަށް މަރުހަބާ ކިޔައި އެ ޤައުމުން ބުނީ އެމީހުންނަށް ފަސޭހަކަމާއެކު ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށް މަގުފަހިކޮށްދިން ކަމަށެވެ.
މިއަހަރުގެ ހައްޖުގެ ތަފާސް ހިސާބު ބަޔާންކޮށް ސައޫދީ ހައްޖު މިނިސްޓްރީން ނެރުނު ބަޔާނުގައި ސައުދީގައި ތިބި ހުރިހާ ހައްޖުވެރިންގެ ހިތްހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދެމިތިބޭނެ ކަމުގެ ޔަގީންކަން ދީފަވެއެވެ. އަދި ޙައްޖާޖީންގެ ރޫޙާނީ ތަޖުރިބާއަށް ސަމާލުކަން ދިނުމުގެ ފުރުޞަތު ފަހިކޮށްދީ، ޙައްޖުވެރިންގެ ބޭނުންތައް ފުއްދައިދިނުމަށްޓަކައި އެންމެ މަތީ ފަންތީގެ ޚިދުމަތްތަކާއި އެކޮމޮޑޭޝަންތައް ފޯރުކޮށްދިނުމަށް މިނިސްޓްރީން ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.
މިއަހަރު ހައްޖަށް ދިޔަ މުސްލިމުންގެ 63.3 އިންސައްތަ އަކީ އަރަބި ޤައުމުތަށް ނުހިނަމަނާ އޭސިޔާ ބައްރުން ދިޔަ މުސްލިމުންނެވެ. 22.3 އިންސައްތައަކީ އަރަބި މުސްލިމުންނެވެ. އެފްރިކާ ބައްރުން ދިޔައީ 11.3 އިންސައްތައެވެ. އަދި ޔޫރަޕް ޤައުމުތައް ހިއްސާކުރަނީ 3.2 އިންސައްތައެވެ.
ސަޢޫދީ ޢަރަބިއްޔާއިން ވަނީ އުމްރާނީ ވަސީލަތްތަކާއި ލޮޖިސްޓިކްސް އަދި ސަލާމަތީ ފިޔަވަޅުތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ. ސައުދީން ވަނީ އެޑްވާންސް ކްރައުޑް މެނޭޖްމަންޓް ސިސްޓަމްތައް ތަންފީޒުކޮށް، ދަތުރުފަތުރުގެ ނެޓްވޯކްތައް ހަރުދަނާކޮށް، ގިނަ އަދަދެއްގެ ހައްޖުވެރިން ގެނައުމަށް ސިއްހީ ހިދުމަތްދޭ ތަންތަން ފުޅާކޮށްފަ އެވެ.
ހައްޖު އެންޑް އުމްރާ މިނިސްޓްރީން ވަނީ ހައްޖުގެ އަޅުކަން އަދާކުރާ މީހުންނަށް ކުރާ ދަތުރުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގައިޑުންނާއި ތަރުޖަމާނުންނާއި މެޑިކަލް ސްޓާފުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ތަމްރީނު ލިބިފައިވާ މީހުން ވެސް ހަރަކާތްތެރިވެފަ އެވެ. ދީނީ ވާޖިބުތައް ފަސޭހަކަމާއި ހިތްހަމަޖެހުމާއެކު އަދާކުރުމަށް ބޭނުންވާ އެއްބާރުލުމާއި އިރުޝާދު ޙައްޖުވެރިންނަށް ހޯދައިދިނުމަށް މި ޚާއްޞަ ފަރާތްތަކުން ކެނޑިނޭޅި މަސައްކަތް ކުރެއެވެ.
1.8 މިލިއަނަށްވުރެ ގިނަ ހައްޖުވެރިން ކާމިޔާބުކަމާއެކު އައުމަކީ ދުނިޔޭގެ މުސްލިމް މުޖުތަމަޢަށް ޚިދުމަތްކޮށް، ކޮންމެ އަހަރަކު ޙައްޖުގެ އަޅުކަން އަދާކުރުމަށް މަގުފަހިކޮށްދިނުމަށް ސަޢޫދީ ޢަރަބިއްޔާއިން ޢަޒުމް ކަނޑައަޅުއްވާފައިވާކަމުގެ ހެއްކެކެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ދީނީ އެއްވުން ބޭއްވުމުގައި ދިމާވާ ބޮޑެތި ލޮޖިސްޓިކަލް ގޮންޖެހުންތައް މެނޭޖްކުރުމުގެ ގާބިލުކަން ސައުދީން އަންނަނީ އަބަދުވެސް ދައްކަމުންނެވެ.
ޙައްޖު މޫސުން ކުރިއަށް ދާއިރު، ޙައްޖު އަދި ޢުމްރާގެ ވުޒާރާއިން އަބަދުވެސް ސަމާލުކަން ދެނީ ޙައްޖުގެ މަތިވެރި ބިމުގައި ކުރާ މަތިވެރި ދަތުރުގައި ހުރިހާ ޙައްޖުވެރިންނަށް ވެސް އާދަޔާ ޚިލާފު ތަޖުރިބާއެއް ހޯދައިދިނުމަށާއި، އެމީހުންގެ ސަލާމަތާއި ހިތްހަމަޖެހުމާއި ރޫޙާނީ ފުރިހަމަކަން ކަށަވަރުކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!