މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ދަނޑުވެރިންނަށް 13 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލްމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވުޒާރާގެ ސްޓޭޓް ވަޒީރު މަރިޔަމް ވިޝާމާ ވިދާޅުވެފައިވާ ގޮތުގައި މިދިޔަ އޭޕްރިލްގެ ނިޔަލަށް ދަނޑުވެރިންނަށް 13 މިލިއަން ރުފިޔާގެ ލޯނު ވަނީ މިހާތަނަށް ދޫކޮށްފައެވެ.

Ad
rt

މީގެ ތެރޭގައި އަމިއްލަ ފަރުދުންނަށް ހަތަރު މިލިއަން ރުފިޔާ، އަދި ވިޔަފާރިތަކަށް އަށް މިލިއަން ރުފިޔާގެ ލޯނު ދޫކުރި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އޭޕްރީލް މަހުގެ 30 އާ ހަމައަށް އަމިއްލަ ފަރުދުންނަށް ހަތަރު މިލިއަން ނުވަ ލައްކަ ރުފިޔާގެ ލޯން ވަނީ ދޫކުރެވިފައި. އަދި، ކުންފުނިތަކަށް އަށް މިލިއަން ދެ ލައްކަ ރުފިޔާ، ޖުމްލަ ގޮތެއްގައި 13 މިލިއަން ދެ ލައްކަ ރުފިޔާގެ ލޯން ވަނީ މިހާތަނަށް ދޫކުރެވިފައި،" ވިޝާމާ ވިދާޅުވިއެވެ.

"ދަނޑުވެރި ނަފާ" ގެ ނަމުގައި މި ލޯނު ސްކީމް ހިންގަނީ އެސްޑީއެފްއާ ގުޅިގެންކަން ފާހަގަކުރައްވައި ވިޝާމާ ވިދާޅުވީ، އެ ލޯނު ދިނުމުގައި ޒަމާނީ ޓެކްނޮލޮޖީތަކާ އެކު ދަނޑުވެރިކަން ކުރަން އެހީތެރިވެދޭނެ ކަމަށެވެ.

މިވަގުތު ރާއްޖޭގެ ދަނޑުވެރިންގެ ދަފުތަރުގައި ހިމެނިފައިވާ ދަނޑުވެރިންގެ އަދަދަކީ 7،600 އެވެ. އޭގެ ތެރެއިން 55 ޕަސެންޓަކީ އަންހެނުންނެވެ.