ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ދިން 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން އެއް އަހަރު ދުވަހަށް ފަސްކޮށްދީފިއެވެ.
ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރު ސަރުކާރުން ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ހޯދައިފައެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. އަދި ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލްގެ ގޮތުގައެވެ. މި ދަރަނީގެ ތެރެއިން މިދިޔަ ޖެނުއަރީ މަހު ވަނީ 50 މިލިއަން ޑޮލަރު ދައްކައިފައެވެ. ބާކީ ނުދައްކާ 100 މިލިއަން ޑޮލަރު އެބައޮތެވެ. އޭގެ ތެރެއިން ދެ ވަނަ ޓީބިލް ދައްކަން ޖެހެނީ މި މަހުއެވެ.
އިންޑިއާ ސަރުކާރުން ފަސްކޮށްދިނީ މި އަހަރު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިންޑިއާ އިން ރާއްޖެ އަށް ބަޖެޓް ސަޕޯޓުގެ ގޮތުގައި ދިން ފައިސާގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން އެއް އަހަރަށް ފަސްކޮށްދިނުމަށް އެ ބޭންކުން މިހާރު ނިންމާފައިވާ ކަމަށެވެ. އެ ބޭންކުން ނިންމީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިދިޔަ ހަފުތާގައި އިންޑިއާ އަށް ކުރެއްވި ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރުއާ ކުރެއްވި މަޝްވަރާތަކަށް ފަހުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ އިންޑިއާގެ ސަރުކާރުން ރާއްޖޭގެ ބަޖެޓް ސަޕޯޓަށް ވެދިން އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.
"ރާއްޖޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އިޖުތިމާއީ އެކި ކަހަލަ މަޝްރޫއުތައް ހިންގުމަށް އިންޑިއާގެ ސަރުކާރުގެ އެހީތެރިކަން އަބަދުވެސް ލިބޭކަން ފާހަގަކުރަން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އިންޑިއާ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ސަރުކާރުން އެސްބީއައި މެދުވެރިކޮށް ނަގާފައިވާ ލޯނުގެ ތެރެއިން މި މަހު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން އެއް އަހަރަށް ފަސްކޮށްދީފައިވާ ކަމަށެވެ. އެސްބީއައިން އެގޮތަށް ނިންމީ ދިވެހި ސަރުކާރުން އެ ލޯނު ފަސްކޮށްދިނުމަށް އެދިފައިވާތީ ކަމަށް ބަޔާނުގައިވެއެވެ.
ސޯލިހްގެ ވެރިކަމުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ވަރަށް ވަރުގަދަ ގުޅުމެއް އުފެދިގެން ދިޔައެވެ. އެކަމަކު ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި އެ ގުޅުން ހީނަރުވެ ޗައިނާއާ އެކުގައި ވަރަށް ބޮޑަށް ގުޅުން ބަދަހިވެގެން ދިޔައެވެ. ނަމަވެސް މިހާރު ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ގުޅުން ރަނގަޅުވާ ތަން ދަނީ ފެންނަމުންނެވެ.
މިދިޔަ މަހު އިންޑިއާ އިން ވަނީ ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ސާމާނުގެ ކޯޓާ އިތުރުކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!