މެޗުގެ ފަހުވަގުތު ބަޔާން މިއުނިކް ކޮޅަށް ވައްދާލި ލަނޑުތަކުން މޮޅުވެ ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ބަޔާނާއި ރެއާލް ވާދަކުރި ސެމީ ފައިނަލުގެ ފުރަތަމަ މެޗު ކުޅެފައިވަނީ ބަޔާންގެ ދަނޑުގައެވެ. އެ މެޗު ނިމުނީ 2-2 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ވުމާއިއެކު ރޭ މެޗުން މޮޅުވާ ޓީމަކަށް އޮތީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ރޭ މެޗުގައި ރެއާލުން އަމިއްލަ ދަނޑުގައި ބަޔާންގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ. ރެއާލަށް ފައިނަލުން ޖާގަ ލިބުނީ އެގްރިގޭޓް ނަތީޖާ 4-3 އިން ކުރި ލިބިގެންނެވެ.

Ad
rt

ރެއާލުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގައި އެ ޓީމުން ފުރަތަމަ ހާފުގައި ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ފަހިކޮށްފައެވެ. ބަޔާންގެ އޭރިއާތެރޭ ހުރެ ވިނީސިއަސް ފޮނުވާލި ބޯޅަ ގޯލުގެ ދަނޑިއާއި އަމާޒުވީއިރު، ރިބައުންސް ބޯޅަ ގޯލަށް ވައްދާލަށް ރޮޑްރިގޯއަށް ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ބަޔާންގެ ކީޕަރު ނޯޔާއެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބަޔާނުންނެވެ. މެޗުގެ 68 ވަނަ މިނެޓުގައި ބަޔާންގެ އަލްފަންސޯ ޑޭވިސް ރެއާލުގެ އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ

ބައިކޮޅަށް ވަތް ލަނޑާއިއެކު ރެއާލުން ވަނީ ޓީމަށް ބަދަލުތައް ގެނެސްފައެވެ. މިގޮތުން މޮޑްރިޗާއި ކަމަވިންގާ، ހޮސެލޫގެ އިތުރުން ބްރަހިމް ޑިއާޒް ވަނީ ކުޅެން ނުކުމެ، ރެއާލްގެ ގޭމް އިތުރަށް ވަނީ އަވަސްކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވަންދެން ވެސް ބަޔާން އޮތީ ކުރީގައެވެ. ރެއާލުން މޮޅުވީ ފަހުވަގުތު ހޮސެލޫ ޖަހައިދިން ދެ ލަނޑުންނެވެ. 88 ވަނަ މިނެޓުގައި ވިނީސިއަސް ފޮނުވާލި ބާރު ހަމަލާއެއް ބަޔާންގެ ކީޕަރ ނޯޔާގެ އަތުގައި ޖެހިފައި ނުކުތްވަގުތު ހޮސެލޫ ވަނީ ރަނގަޅު ތަނަށް އަރައި އެ ބޯޅަ ގޯލަށް ވައްދާލައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ އިތުރު ވަގުތުގެ ގޮތުގައި 9 މިނެޓް ދެއްކިއިރު، އިތުރު ވަގުތު ދެވަނަ މިނެޓްގައި ރުޑިގާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ހޮސެލޫ ވަނީ ލަނޑުޖަހައި ރެއާލް މޮޅުކޮށްދީފައެވެ. ފުރަތަމަ މި ލަނޑު އިފްސައިޑް ކަމަށް ނިންމި ނަމަވެސް ވީއޭއާރުން ބަލާފައި އެއީ ރަނގަޅު ލަނޑެއް ކަމަށް ކަނޑައެޅިއެވެ.

މިއީ، 14 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރެއާލުން ފައިނަލުގައި ކުޅޭނެ 18 ވަނަ ފަހަރެވެ. މިދިޔަ 11 އަހަރު ތެރޭ ރެއާލުން ކުޅޭ ހަ ވަނަ ޗެމްޕިއަންސް ލީގު ފައިނަލުގައި، އަންނަ މަހު އެއް ވަނަ ދުވަހު، އެ ޓީމުން ކުޅޭނީ ބޮރޫޝިއާ ޑޯޓްމަންޑާ އެވެ. މިއީ، 11 އަހަރު ތެރޭ ޑޯޓްމަންޑުން ކުޅޭ ފުރަތަމަ ފައިނަލެވެ.