ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ޓެކްސީ ކުރަމުން އަންނަ ވެހިކަލްތަކުން އެކި އަގުތައް ނެގުން ފަދަ މައްސަލަތައް ބޮޑުވެފައިވާތީ އެފަދަ މައްސަލަތައް ހައްލު ކުރަން ފުލުހުން ނެރެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ދިވެހިންނަށް އެއާޕޯޓް ޓެކްސީ ކިޔުއިން ކުރިމަތިވާ މައްސަލަތަކާ ގުޅިގެން އާންމު ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ ކަމަށެވެ.
އެގޮތުން ވަކި މަންޒިލަކަށް ނޫނީ ދަތުރު ކުރުމަށް ޓެކްސީ ޑްރައިވަރުން އުޒުރުވެރިވުމާއި ދަތުރެއް ނެގުމަށްފަހު އިތުރު ފަސިންޖަރުން އަރުވައިގެން ދަތުރު ކުރުމާއި ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ޑްރައިވަރުން ދަތުރު ކުރާ ކަމުގެ ގިނަ ޝަކުވާތައް ލިބެމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ދާދި ފަހުން ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ގުޅިގެން ޓެކްސީތަކުގެ އަގު ފަސޭހަ އިން ފެންނާނެ ގޮތަށް އެއާޕޯޓުގައި ބޯޑުތަކެއް ހަރުކޮށްފައެވެ. އަދި ޓެކްސީތަކުގެ މައްސަލަ ރިޕޯޓު ކުރުމަށް ކިއުއާރު ކޯޑެއް ވެސް ވަނީ ތައާރަފްކޮށްފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓެކްސީތަކާ ގުޅޭ ގޮތުން މިހާތަނަށް އައިއިރު ގިނަ ޝަކުވާތަކެއް ލިބިފައިވާތީ ޓްރާންސްޕޯޓް މިނިސްޓްރީ، ހޯމް މިނިސްޓްރީ، އެމްއޭސީއެލް ހިމެނޭ ގޮތަށް އިއްޔެ މަޝްވަރާ ކުރެވި ޓެކްސީ މެނޭޖް ކުރާނެ ޕްލޭނެއް އެކުލަވާލައި ތަންފީޒު ކުރަން ފަށާފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެއާޕޯޓުގައި ފުލުހުން ހަރަކާތްތެރިވެ، ގަވައިދާ ހިލާފަށް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ޓެކްސީތަކާ މެދު ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އަދި ގަވައިދާ ހިލާފަށް ޓެކްސީ ކުރުމުގެ ބައިވެރިވާ ބިދޭސީންނާއި މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ޓެކްސީތަކަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަކީ މާލެ އިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް 100ރ. އާއި މާލެ އިން ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް 85ރ. އާއި މާލެ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 70ރ. އާއި ހުޅުމާލެ ފުރަތަމަ ފިޔަވަހިން އެއާޕޯޓަށް 80ރ. އާއި ހުޅުމާލެ ދެވަނަ ފިޔަވަހިން އެއާޕޯޓަށް 85ރ. އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!