ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އެމަނިކުފާނަށް ދައުލަތުން ހާއްސަކޮށްފައިވާ ގެކޮޅު، ހިލާލީގެއިން ނިކުމެވަޑައިގެންނެވި ކަމަށް ނޫހަކުން ފެތުރި ޚަބަރު އެމަނިކުފާނު ދޮގު ކުރައްވައިފި އެވެ.

އެވާހަކަ ދޮގުކުރައްވައި ނައިބު ރައީސް ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ. އަދި ދޮގު ފަތުރައި، މުޖުތަމައު ފަސާދަ ނުކުރުމަށް ގޮވައިލައްވާ ކަމަށް ވެސް ވިދާޅުވެފަވެއެވެ.

Ad
rt

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަށް ތާއީދުކޮށް އާންމުގޮތެއްގައި ލިޔުންތައް ޝާޢިއުކުރާ ނޫހަކުން ޚަބަރު ފަތުރާފައިވާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަބަބުން ނައިބު ރައީސް ހުސެން ވަނީ ހިލާލީގެއިން ނިކުމެވަޑައިގެންފައެވެ. ހިލާލީގެއިން ނައިބު ރައީސް ނިކުމެވަޑައިގެން ހުޅުމާލޭގައި ހުންނަ އެމަނިކުފާނުގެ އެޕާޓްމަންޓަކަށް ބަދަލުވެފައިވާ ކަމަށްވެސް ޚަބަރު ފަތުރާފަވެއެވެ.

މި ޚަބަރު އެ ނޫހުން މިހާރު ވަނީ ޑިލީޓް ކޮށްފައެވެ.

މިކަން ނައިބު ރައީސް ދޮގު ކުރައްވާފައިވާއިރު، ހިލާލީ ގެ މަރާމާތުގެ މަސައްކަތް އަދި ނުނިމޭތީ ނައިބު ރައީސް އެ ގެއަށް އަދި ބަދަލުވެވަޑައިނުގަންނަވާކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.