މިއަހަރުގެ ފިތުރު ޒަކާތް މިއަދު ބަލައިގަންނަން ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބުނި ގޮތުގައި 1445 ވަނަ އަހަރުގެ ފިތުރު ޒަކާތް 12 މާރިޗުން ފެށިގެން 9 އޭޕްރިލްގެ ނިޔަލަށް ބަލައި ބަލައި ގަންނާނެއެވެ.

Ad
rt

ފިތުރު ޒަކާތް އޮންލައިންކޮށް ބަނޑޭރިޕޭ، ފަހިޕޭ، ބީއެމްއެލް، އެމްއައިބީ، ދިރާގު އަދި އޫރިދޫ މެދުވެރިކޮށް ވެސް ދެއްކޭނެއެވެ.

އަތޮޅުތެރޭގައި ނަމަ ޒަކާތް ބަލައިގަންނަން ހަމަޖައްސާނީ އެ ރަށެއްގެ ކައުންސިލުން ކަނޑައަޅާތަނެއްގައެވެ. އަދި އަތޮޅުތަކުގައި އުޅޭ ރައްޔިތުން ނަށް ވެސް އޮންލައިންކޮށް ޒަކާތް ދައްކާލެވޭނެ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

މާލެ ސަރަހައްދު ގައި ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށް ދާނީ އިސްލާމީ މަރުކަޒުގެ ހޯލްގައެވެ. ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށް ޒަކާތް ބަލައިގަންނާނެ އެވެ. އަދި ރަމަޟާން މަހުގެ ފަހު 10ގެ ތެރޭގައި އަންނަ ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގައިވެސް ހެނދުނު 11:00 އިން މެންދުރުފަހު 14:00 އަށް ޒަކާތް ބަލައިގަންނާނެ އެވެ.

މުސްލިމުންގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނާއި ބޮޑެތިމީހުންނާއި މިނިވަނުންނާއި އަޅުންނާއި ފަޤީރުންނާއި މުއްސަނދިންގެ މައްޗަށްވެސް ފިތުރު ޒަކާތް ވާޖިބުވެގެންވެއެވެ. އެހެންނަމަވެސް ފިތުރު ޒަކާތް ވާޖިބުވާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކެއްވެއެވެ. އެއީ ޢީދުދުވަހާއި އެރޭ އޭނާއާއި އޭނާގެ ބަލަދުވެރިކަމުގެ ދަށުގައިވާ މީހުންގެ ކެއުމާއި އެހެނިހެން އަސާސީ ބޭނުންތައްފުއްދޭނެ މިންވަރުގެ ފައިސާ ނުވަތަ ތަނަވަސްކަން ހުރުމެވެ.

ފިޠުރު ޒަކާތް ޝަރުޢު ކުރެއްވުމުގެ މަޤުސަދުތައް

ފިޠުރު ޒަކާތް ޝަރުޢުކުރެއްވުނު މަޤުސަދުތައް ކަމުގައި ޢިލްމުވެރިން މައިގަނޑު ދެ ކަމެއް ފާހަގަ ކުރައްވައެވެ. އެއީ

  1. ރަމަޟާން މަހުގައި ރޯދައަށް ހުންނައިރު ކުރެވޭ ބައެއް ކުށްތަކާއި، ރޯދައާ ނުގުޅޭ ކަންކަމާއި، ފާފަތަކާއި، ރޯދައިގެ އަދަބު ތަކާ ޚިލާފަށް ކުރެވޭ ކަންކަން ފަދަ ކަންކަމުން ތިބާގެ ރޯދައަށް ލިބޭ އުނި އިތުރުކަން ފިލުވާލުމެވެ.

ބައެއްފަހަރަށް ރޯދައަށް ހުރެވެސް އަޅުގަނޑުމެންނަށް ފާފަތަކަށް އަރައި ގަނެވެއެވެ. އަދި ބައެއްފަހަރަށް ރޯދައާ ނުގުޅޭ ބޭކާރު ކަންކަމުގައިވެސް ވަޤުތުތައް ހޭދަކޮށްލެވެއެވެ.

ރުޅި އިސްކުރުމާއި ޒުވާބު ކުރުމަކީވެސް ބައެއްފަހަރަށް ކުރެވޭ ކަންކަމެވެ. ނަމަވެސް މިއީ ރޯދަވެރިޔަކު ޙަޤީޤަތުގައި ކޮށްގެންވާނޭ ކަންކަމެއް ނޫނެވެ. ރޯދަ މިހިފަނީ ތަޤުވާވެރިކަން ހަށިގަނޑުގައި އަށަގަތުމަށް އެދޭ ޙާލުގައެވެ. އެހެންކަމުން މިފަދަ ކަންކަމުން ވީހާވެސް ބޮޑަށް ދުރުވުމަށް މަސައްކަތް ކުރަން ވާނެއެވެ.

ނަމަވެސް އަޅުގަނޑުމެންނަކީ އިންސާނުން ކަމުން، ބައެއްފަހަރަށް ނޭނގި ނަމަވެސް ނުވަތަ އެނގިގެންވެސް މިފަދަ ކަންކަން އެބަ ކުރެވެއެވެ. އެހެންކަމުން މިފަދައިން ކުރެވޭ ކަންކަމުން އަޅުގަނޑުމެންގެ ރޯދައަށް ލިބޭ އުނިކަން ފިލުވާލުމުގެ ގޮތުން ފިޠުރު ޒަކާތް ޝަރުޢު ވެގެންދިޔައެވެ.

  1. ޢީދު ދުވަހުގެ އުފަލުގައި ފަޤީރުން ބައިވެރިކޮށް، އެދުވަހު އެމީހުންނަކީ ކާއެއްޗިއްސަށް ސަލާންޖަހަން ޖެހޭ ބައެއްކަމުގައި ނެހެދުމެވެ.

ފަޤީރުންނާއި މިސްކީނުންނަކީ އަހަރުގެ ގިނަ ދުވަސްތަކުގައި ވަރަށް ޙާލުގައި އުޅޭ ބައެކެވެ. ޚާއްސަކޮށް ފަޤީރުންނެވެ. އޭގެތެރެއިން ބައެއް ފަރާތްތަކަކީ ކާނެ ބޯނެ އެއްޗެއް ނެތި އެތައް ދުވަހެއް ވެއަތު ކުރާ ބައެކެވެ.

ރަމަޟާން މަހުގައިވެސް މުޅި ދުވަހު ރޯދައަށް ތިބެފައި ރޯދަ ވީއްލާ ވަގުތު ކާނޭ ރަނގަޅު އެއްޗެއް ނުލިބިފައި ތިބޭ މީހުންވެސް އުޅެއެވެ. މިފަދަ މީހުންނަށް ހޭދަކުރުމަކީ ވަރަށް މާތް އަޅުކަމެކެވެ. އަދި ނުހަނު ޘަވާބު ލިބެނިވި ކަމެކެވެ.

އެއާއެކު ޢީދު ދުވަހުގައި ފަޤީރުންނަކީ ރަނގަޅަށް ކައިގެން އުފަލުން ތިބޭ ބައެއްކަމުގައި ހެދުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި މިވަނީ ފިޠުރު ޒަކާތް ޝަރުޢު ކުރައްވާފައެވެ. އުފާވެރި ފިޠުރު ޢީދު ދުވަހުގައި ކާނެ އެއްޗެއް ނުލިބުމުގެ ސަބަބުން ބަނޑުހައި ހޫނުކަން ފިލުވުމަށްޓަކައި ޢީދުގެ އުފާވެރިކަން ދޫކޮށްލާފައި މީސްމީހުން ގާތުން ސަލާން ޖަހަން ފަޤީރުން ދުވަންވެއްޖެނަމަ އެފަރާތްތައް އެމަޙުރޫމުވެގެން އެދަނީ ވަރަށް ބޮޑު ކަމަކުންނެވެ.