ސަރުކާރުން ދޭން ނިންމާފައިވާ ރޯދަ ހަދިޔާ މާދަމާއިން ފެށިގެން ދޫކުރާނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

Ad
rt

މި ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ހަދިޔާ ކުރުމަށް ނިންމާފައެވެ. އެސްޓީއޯ އިން ބުނީ އެތަކެތި ބެހުމުގެ މަސައްކަތް ކުރާނީ މިނިސްޓްރީތަކާއި، ކައުންސިލުތަކާއި އަދި ބައެއް އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން ކަމަށެވެ.

މާލޭ ސަރަހައްދުގައި މިތަކެތި ދޫކުރަން ފަށާނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން މާދަމާއިން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މާލޭ ސަރަހައްދުގައި ތަކެތި ދޫކުރުމަށް ހަތް ސަރަހައްދެއް ހުންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

މާލޭގައި ދިރިއުޅޭ މީހުން ހަނޑުލާއި ފުށް ދޫކުރާނީ ސޯޝަލް ސެންޓަރާއި ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔަށެވެ (ގަލޮޅު ދަނޑު). ވިލިމާލޭގައި ބިއްރި މިސްކިތް ހޯލުން ހަނޑުލާއި ފުށް ދޫކުރާއިރު، ހުޅުމާލެ ފޭސް އެކެއްގައި އުމަރު ޒާހިރު ބިލްޑިން، އަދި ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފުލެޓް ޓަވަރު 10 ގެ ޔޫތު ސެންޓަރުން މިތަކެތި ދޫކުރާނެއެވެ.

މާލޭ ސަރަހައްދުގައި މުދާ ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ. ރޯދަ މަހުގެ މުދާ ދޫކުރާނީ ހެނދުނު 9:30 އިން މެންދުރު 1:00 އަށެވެ. އަދި ރޭގަނޑު 9:00 އިން 11:30 އަށެވެ.

ރަށްރަށަށް ގެންދާ މުދާ ދޯނިތަކަށް ބަރުކުރަން ފަށައިފައިވާ ކަމަށާއި ރަށްރަށުގައި ގޭބިސީތަކަށް މުދާ ދޫކުރާނީ އެ ރަށެއްގެ ކައުންސިލަކުން ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ރޯދަ ހަދިޔާ ދޫކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހިންނަށް ކަމަށާއި ހަދިޔާ ދޫކުރަނީ ކަރަންޓު މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ބަލައި އަންނަ ފަރާތުގެ އައިޑީކާޑު ނަންބަރު ނޯޓު ކުރުމަށްފަހު ކަމަށް އެސްޓީއޯ އިން ބުންޏެވެ.