އިސްލާމިކް މިނިސްޓްރީން ތައްޔާރުކުރާ ބައެއް ވީޑިއޯ އަދި އޯޑިއޯ ޕްރޮގްރާމްތައް، ބްރޯޑްކާސްޓްކުރުމަށް އެ މިނިސްޓްރީ އާއި އެންޓީވީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަޙްސަންއެވެ. އަދި އެންޓީވީގެ ފަރާތުން ސޮއިކުރެއްވީ އެޓީވީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް އާޒިމްއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މި ފަހުމުނާމާއަކީ އެއް އަހަރު ދުވަހުގެ މުއްދަކަަށް ސޮއި ކުރެވުނު ފަހުމުނާމާއެއް ކަމަށެވެ.
މި ފަހުމުނާމާގެ ސަބަބުން ކުރިއަށް އޮތް ރަމަޟާން މަހު އެ މިނިސްޓްރީން ތައްޔާރުކޮށް ގެންސްދިނުމަށް ހަމަޖެހިފައިވާ ދީނީ ޕްރޮގްރާމްތައް ގެނެސްދެވޭނެ ކަމަށް ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ދަނީ އަންނަ ރޯދަ މަހު ދީނީ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގަން ތައްޔާރުވަމުންނެވެ.
މީލާދީ ކަލަންޑަރު ބުނާގޮތުން އަންނަ ރޯދަ މަސް ފެށޭނީ މި ފެށޭ މާރިޗް މަހުގެ 11 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!