ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ސެވިއްޔާ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ލަނޑުޖަހާނެ ފުރުސަތުތައް ހޯދުމުގައި ރެއާލަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ރެއާލްގެ ފުލްބެކް ލޫކަސް ވަޒްކޭޒް ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް އެ ފުރުސަތު ތަނަވަސް ވުމުގައި ރެއާލްގެ ނަޗޯ ސެވިއްޔާގެ އެން ނެސޭރީއަށް ކުރި ފައުލާއި ގުޅިގެން ވީއޭއާރުން ބަލާފައި ލަނޑު ވަނީ ކެންސަލް ކޮށްފައެވެ.
މެޗުގައި ޖެހި ހަމައެކަނި ލަނޑު 81 ވަނަ މިނެޓުގައި ޖަހައިދިނީ އުމުރުން 38 އަހަރުގެ ލޫކާ މޮޑްރިޗެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. އޭނާ ކުޅެން ނުކުމެފައި ވަނީ މެޗުގެ 75 ވަނަ މިނެޓުގައި ނަޗޯގެ ބަދަލުގައެވެ.
މި މެޗުގައި ރެއާލްގެ ވަލްވަޑޭ ފޮނުވާލި ބާރު ހަމަލާއެއް ސެވިއްޔާގެ ކީޕަރު މަތަކުރި އިރު، ބްރާހިމް ޑިއާޒް ތަނަވަސް ކޮށްދިން ފުރުސަތެގައި ވަލްވަޑޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މި މޮޅާއިއެކު ރެއާލް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ 8 ޕޮއިންޓްގެ ލީޑަކާއި އެކުގައެވެ. އެ ޓީމަށް 26 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް ބާސާއަށް ލިބިފައި ވަނީ 26 މެޗުން 57 ޕޮއިންޓެވެ. މިރޭ ތިންވަނާގައި އޮތް ޖިރޯނާ އަމިއްލަ ދަނޑުގައި ނުކުންނާނީ ރަޔޯ ވަޔެކާނޯއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ ދެވަނައަށް ޖެހިލުމުގެ ފުރުސަތު ޖިރޯނާއަށް އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!