ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ނެރުމަގަށް ވެލިއަރައި ތިލަވުމުގެ ސަބަބުން އެތަނަށް ވަދެނުކުތުން ނުރައްކަލަކަށް ވެއްޖެއެވެ.
ހިރިމަރަދޫ ނެރުމަގުގެ ހާލަތާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ބުނީ އެ ރަށު ބަނދަރުގެ ނެރުމަގަށް ވެލިއަރައި ތިލަވުމުގެ ސަބަބުން ވަދެ ނިކިތުމުގައި ތަފާތު ގޮންޖެހުންތަކާއި ކުރިމަތިވަމުން އަންނަތާ ދެ އަހަރެއްހާ ދުވަސް ވެފައިވާ ކަމަށެވެ.
އެތަން ތިލަވުމުގެ ސަބަބުން ފާއިތުވި ދެ އަހަރެއްހާ ދުވަހު ހިތާމަވެރި ހާދިސާތައް ހިނގާފައިވާ ކަމަށާއި، މުދާ އުފުލާ ދޯންޏެއް ވެސް އެތަނަށް ބީހި ފަޅައިގެން ދިޔުމުގެ ހާދިސާއެއް ވެސް ހިނގާފައިވާކަމަށް އޭނާ ބުންޏެވެ.
ހިރިމަރަދޫ ބަނދަރު ސަރަހައްދަށް ވެލި އަރާފައި،
ލޯންޗް ފަދަ ތިލަ އުޅަނދުތަކަށް އަދި އެތަނަށް ވަދެ ނުކުމެ އުޅެވުނު ނަމަވެސް ރަށަށް މުދާ ހިފައިގެން އަންނަ ދޯންނިތަކަށާއި އަތޮޅުތެރޭ ދުއްވާ ފެރީ ދޯނިފަދަ އުޅަނދުތަކަށް މިހާރު އެތަނަށް ނުވަދެވޭތީ ފެރީގެ ހިދުމަތުން ވެސް އެ ރަށު މީހުން މަހުރޫމްވެފައި ތިބޭތާ އެތައް ދުވަހެއް ފާއިތުވެގެން ގޮސްފައިވާކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
ވަހީދު އިތުރަށް ބުނީ ބައެއް އުޅަނދުތަކަށް ބޮޑުދިޔައިގައި އެތަނަށް ވަދެ ހިކިދިޔާގައި ނުނުކުމެވި ދިޔަވަރު ބޮޑުވަންދެން މަޑުކުރަން ޖެހޭ ހާލަތު މިހާރު ވެސް ކުރިމަތިވަމުން އަންނަ ކަމަށެވެ.
ހިރިމަރަދޫ ބަނދަރު ސަރަހައްދަށް ވެލި އަރާފައި،
ވަހީދު އިތުރަށް ބުނީ އެ ރަށުގެ ނެރުމަގުގެ މައްސަލަ ހައްލު ކޮށްދެއްވުމަށް މިދިޔަ ސަރުކާރުގައި ވެސް ރަސްމީކޮށް އެތައް ފަހަރަކު އެދެވުނު ކަމަށާއި ނަމަވެސް ހައްލު ނުވި ކަމަށެވެ. އަދި މި މައްސަލަ ހައްލު ކޮށްދެއްވުމަށް މި ސަރުކާރުގައި ވެސް މިހާރު ކައުންސިލުން އެދިފައިވާނެ ކަމަށާއި ދާދިފަހުން ކަމާއި ގުޅުންހުރި ފަރާތްތަކާއި ބައްދަލު ކުރުމުގެ ބޭނުމުގައި ކައުންސިލުން މާލެއަށް ދަތުރުކޮށް މި ކަންބޮޑުވުންތައް މިނިސްޓަރާއި ވެސް ހިއްސާ ކުރެވިފައިވާ ކަމަށެވެ.
ދުވަހަކަށް ވުރެ ދުވަހެއް ހާލަތު ގޯސްވަމުން އަންނަ އެ ނެރުމަގުގެ މައްސަލަ ހައްލުނުކުރެވި ދިގުލާނަމަ އެ ބަނދަރު އެއް ގޮތަކަށް ވެސް ބޭނުން ނުކުރެވޭ ހާލަތަށް ދިޔުމަކީ ދުރުގައިވާ ކަމަކަށް ނުވާތީ އެއީ އެ ރަށު ރައްޔިތުންގެ ވެސް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ވަހީދު ވަނީ ފާހަގަ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!