ކޮޅުމަޑުލު (ތ. އަތޮޅު) ގުރައިދޫގައި މިއަހަރު އެއާޕޯޓު އަޅަން ފަށާނެކަމުގެ ޔަގީންކަން އެރަށު ރައްޔިތުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މިއަދު ކޮޅުމަޑުލުގެ ބައެއް ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި ގުރައިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އާ ސަރުކާރުން މި އަހަރަށް ބަޖެޓް ހުށަހެޅިއިރުގައި، ނިމުނު ސަރުކާރުން އިންތިޤާލީ މަރުޙަލާގައި ދިނީ ކުޑަކުޑަ ވަގުތުކޮޅެއް ކަމަށެވެ. އެހެން ނަމަވެސް، އެ ވަގުތުކޮޅުގެ ތެރޭގައި އާ ސަރުކާރުން ކުރަންބޭނުންވި ހުރިހާ ކަމެއް ވީވަރަކުން ބަޖެޓުގައި ހިމަނަން ފޮނުއްވިކަމަށް ރައީސް ވިދާޅުވިއެވެ.
މިގޮތުން މާލޭ ސަރަޙައްދުން އެންމެބޮޑު ބިން ހިއްކުމުގެ މަޝްރޫޢު ހިންގުމަށްޓަކައި ފުށިދިއްގަރުފަޅު ހިއްކުމަކީ އެގޮތުން މެނި ބޮޑު އެއް މަޝްރޫޢުކަމަށާއި، ނަމަވެސް ކުރީ ސަރުކާރު ތަމްސީލްކުރާ މެޖޯރިޓީ އޮތް މަޖިލީހުން އެ މަޝްރޫޢު ބަޖެޓުން އުނިކޮށްލާފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންނަށް ފައިދާވާ ކަމެއްނަމަ ކުރާނެ ފުރުޞަތުދޑން ބޭނުމެއްނުވާކަން އެކަމުން ވެސް އެނގިގެންދިޔަކަމަށާއި، ނަމަވެސް، މި ސަރުކާރުން އެހެން ގޮތްގޮތް ހޯދައިގެން އަދި ކުރީ ސަރުކާރުން އެ މަޝްރޫޢު ބަޖެޓުން އުނިކުރިނަމަވެސް، ޤާނޫނީ އިމުގެ ތެރެއިން އެކަން ކުރެވޭނެ ގޮތް ހޯދައި، އެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
''އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑު ވަޢުދު ވީގޮތަށް އަދި އެ ބޭފުޅުން މި ރަށުގެ އެއަރޕޯޓް ހެދުމަށް ބަޖެޓުން ޖާގަ ދީފައި ނެތް ނަމަވެސް، އިރާދަކުރެއްވިއްޔާ މި އަހަރު އެއަރޕޯޓުގެ މަސައްކަތް ފަށާނަމޭ. އަޅުގަނޑުމެންނަށް ޤާނޫނީ އިމުގެ ތެރެއިން ކަން ކުރެވޭނެގޮތް ހޯދޭނެ، ހޯދާނަން. ހޯދައި، އިރާދަކުރެއްވިއްޔާ މި އަހަރު މަސައްކަތް ފަށާނަން.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގުރައިދޫ އަށް އެންމެ މުހިންމު ކަމެއްގެގޮތުގައި އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ދަންނަވާފައިވާ ކަމަކީ އެއީ ކަމަށެވެ. އަދި އެކަން ކޮށްދޭނެކަމަށް ވެސް ވަޢުދުވެވަޑައިގެންނެވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
''ތިޔަބޭފުޅުންނަށް އެންމެ މުހިންމު ކަމަށް، އަޅުގަނޑު ގާތު ވިދާޅުވި ކަމަކީ އެއީ. އެކަން ކުރާނެ ކަމަށް އަޅުގަނޑު ދެންނެވިން. އެކަން އިރާދަކުރެއްވިއްޔާ ކޮށްދޭނަން. އަދިވެސް މުހިންމު ކަންތައްތައް ކުރަން އެބަހުރި. ހޮސްޕިޓަލްގެ މަސައްކަތް، މަގުހެދުން، ކުޅިވަރާ ގުޅޭ އެކިކަހަލަ ފެސިލިޓީޒްތައް ޤާއިމުކުރުން. މިހެންގޮސް ގިނަ ކަންތައްތަކެއް އެބަހުރި ކުރަން.'' ރައީސް ވިދާޅުވިއެވެ.
ގުރައިދޫ އަކީ 17 ނޮވެމްބަރު 2023ގައި ވެރިކަމާއި ހަވާލުވެވަޑައިގެންފަހުން ރައީސް އަތޮޅުތެރެއިން ވަޑައިގެންނެވި ފުރަތަމަ ރަށެވެ. އެމަނިކުފާނު ވަނީ ރައީސްކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނެ ރަށަކީ ރިޔާސީ އިންތިޚާބުގައި އެއްރަށަކުން އެންމެ މަތީ އިންސައްތައެއްގެ ވޯޓް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ރަށަކަށް ކަމުގައި ވިދާޅުވެފައެވެ.
މިގޮތުން ގޮރައިދޫ އަކީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް އެންމެ މަތީ އިންސައްތައަކުން ވޯޓު ލިބިވަޑައިގަތް ރަށެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގުރައިދޫން ރައީސަށް 65.68 އިންސައްތަ (555 ވޯޓު) އަދި ދެވަނަ ބުރުގައި 74.05 އިންސައްތަ (625 ވޯޓު) ލިބިވަޑައިގަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!