ޤައުމީ ޔުނިވާސިޓީގެ މެރިޓައިމް ސަވައިވަލް ސެންޓަރު އިމާރާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.

އެ ޔުނިވާސިޓީން މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 6.50 މިލިއަން ރުފިޔާއަށެވެ.

Ad
rt

މެރިޓައިމް ސަވައިވަލް ސެންޓަރެއް ޤާއިމްވެގެން ދިޔުމުގެ ސަބަބުން ދިވެހި ސީމަނުންނަށް ކަނޑުމަތީގެ ރައްކާތެރިކަމާއި ސަލާމަތަށް ބޭނުންވާ ގިނަ ޕްރޮފިޝަން ސީ ކޯސްތަކެއް ހިންގުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް ޤައުމީ ޔުނިވަސިޓީއަށް ލިބިގެންދާނެއެވެ.

މި ސެންޓަރުގެ ސަބަބުން ކޯސްތައް ސްޓެންޑަޑައިޒްކުރެވި، ތަމްރީންކުރެވޭ ސީމަނުންގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 1200 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ލޭންޑް ފިލް މަސައްކަތާއި، 62.25 މީޓަރުގެ ޝީޓް ޕައިލް އެއްގަމު ތޮއްޓެއް ލުމާއި، 4.2 މީޓަރު ދިގު 4 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި،
26432 އަކަ މީޓަރުގެ ހާބަރ ޕޭވްމަންޓެއް ހެދުމުގެ މަސައްކަތް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މޫރިން ބޮލާރޑްސް ހަރުކުރުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، ލައިފްބޯޓު ހިމެނޭހެން ޑެވިޓް ސިސްޓަމެއް ހަރުކުރުމާއި، ކޮންޓެއިނާ މޮޑިފައި ކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަަށުން ވަނީ ކޮށްފައެވެ.