ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި ސަރުކާރުގެ އޮތީ ހެޔޮ ނިޔަތްކަމަށާއި، ވައުދުތައް ފުއްދުމާއެކު ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް ދެމެހެއްޓޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު ލީޑްކުރައްވާ ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ މިއަދު ކުރިއަށް ދިޔަ ވަގުތު އެތަން ބައްލަވައިލައްވަން ވަޑައިގެން އެ ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ ހައްގުތައް ކުރިއަށް ނެރެގެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓު ''ހަފުތާ 14'' ގައި ވެސް ކަނޑައަޅާފައިވާ ހުރިހާ ކަމެއްވެސް ތަރުތީބުގެ ތެރެއިން ދަނީ ހަމަޖެހެމުން، ހާސިލްކޮށްދެވެމުން ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ޤަބޫލުކުރައްވަނީ ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވިގޮތައް ކަންތައްތައް (ވަޢުދުތައް ފުއްދައިދެވޭނެ) ކޮށްދެވޭނެކަމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
''އެކަންތައްތައް ކޮށްދީ ރައްޔިތުންގެ އިތުބާރު އަޅުގަނޑުމެންނަށް ދެމެހެއްޓޭނެކަމަށް، އަޅުގަނޑުމެންގެ ހިތުގައި އޮތީ އިޚްލާސްތެރިކަން، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ހެޔޮ ނިޔަތާއި، ތެދުވެރިކަމާއި އިޚްލާޞްތެރިކަން، އެހެންވީމަ އެކަން ރައްޔިތުން ބަލައިގަންނާނެކަމަށް މި ޤަބޫލުކުރަނީ، އެހެންވީމަ މިދެންނެވީ އިރާދަކުރެއްވިއްޔާ މަދުވެގެން 62 ގޮނޑި އަޅުގަނޑުމެން ނަގާނަން'' ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ލީޑްކުރައްވާ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދު)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން މިއަދު ފެށީ ހެނދުނު 10:00 ގައެވެ.
މި ޕްރައިމަރީގައި އެ އިއްތިހާދުގެ ދެ ޕާޓީއަށް ނިސްބަތްވާ ޖުމްލަ 71،597 މެންބަރަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، މި ޕްރައިމަރީ 73 ދާއިރާއެއްގައި ކުރިއަށް ދިޔައެވެ. އަދި މިއަދުގެ ޕްރައިމަރީގައި ވޯޓު ނަގާ ދާއިރާތަކުގައި 227 ފޮށި ބެހެއްޓިއިރު، މި ޕްރައިމަރީގައި ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ 283 ކެންޑިޑޭޓުން ވާދަކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!