ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭގެ 1200 މީޓަރު ބޭނުންކުރަން ފަށަން ތައްޔާރުވެއްޖެއެވެ.
އެ އެއާޕޯޓު ހިންގަމުން އަންނަ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބުނި ގޮތިގައި އައު ރަންވޭގެ 1200 މީޓަރު ބޭނުން ކުރަން ފަށާނީ އަންނަ އާދީއްތަ ދުވަހު ކަމަށެވެ.
ރީޖަނަލް އެއާޕޯޓްސް އިން ހަނިމާދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. އައު ރަންވޭގެ އެއްބައި ބޭނުން ކުރަން ފަށާއިރު ރޭގަނޑުވެސް ދަތުރުތައް ކުރުމަށް ވަނީ ނިންމާފައެވެ.
ރީޖަނަލް އެއާޕޯޓްސް އިން، މިހާރު އަންނަނީ ރަންވޭ ބޭނުންކުރަން ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްގީ ކުރާ އައު ރަންވޭއަކީ 2465 މީޓަރުގެ ދިގު ރަންވޭއެކެވެ. މި ރަންވޭ ތަރައްޤީކުރުމުގެ ދެވަނަ ބައިގައި ހިމެނޭ 300 މީޓަރު ސަރަހައްދުގައި މިހާރުވަނީ ސަބްބޭސް އަޅާފައެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއަކީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެ އެއާޕޯޓުގެ މަސައްކަތް ނިމިގެންދާއިރު ބޮއިން 737 އާއި A320 މަރުކާގެ ބޮޑެތި ބޯޓުފަހަރު ޖެއްސޭނެކަމަށް ރީޖަނަލް އެއާޕޯޓްސްއިން ބުނެއެވެ.
މިއެއަރޕޯޓުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ. މުޅި މަޝްރޫޢު މިފެށޭ އަހަރުގެތެރޭގައި ނިންމުމަށް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!