ކުޅުދުއްފުށި ސިޓީ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން މައިޓްމަގުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ. އެ ކުންފުނިން މައިޓް މަގުގައި ތާރު އެޅުމުގެ މަސައްކަތް ފެށީ މިއަދުއެވެ.
ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ދެވަނަ ފޭސް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުއެވެ.
އެއް މިލިއަން ރުފިޔާގެ މި މަޝްރޫއުގައި ކުޅުދުއްފުށި ސިޓީގެ 24 މަގު ހިމެނޭހެން ޖުމްލަ 37،633 މީޓަރުގެ މަގު ހެދުމަށް ވަނީ ނިންމާފައެވެ. އަދި މަގުތަކުގައި ސައިޑްވޯކް ހެދުމާއި، ފެންހިންދާ ނިޒާމް ގާއިމްކުރުމާއި، ސްޕީޑް ބްރޭކަރާއި މަގުބައްތި ހަރުކުރުމަށް މި މަޝްރޫއުގެ ދަށުން ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ފޭސް 1 ގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރި 13 މަގުގައި މަގު ބައްތި ޖެހުމާއި ޒިބްރާ ކްރޮސް އެޅުމާއެކު ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އާރުޑީސީއާ ހަވާލުކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!