މާލޭގެ ސޯޝަލް ސެންޓަރުގައި މިނިމަމް މެޑިކަލް ރިކުއަޔާމަންޓްސް ފެސިލިޓީ މިރޭ އިފްތިތާޙްކޮށްފިއެވެ.
ކުޅިވަރު ކުޅޭ ތަންތަނުގައި ހުންނަ މެޑިކަލް ރޫމް، ދަށްވެގެން ވަކި ޞިއްޙީ މިންގަނޑެއްގައި ޤާއިމުކޮށްފައި ހުންނަންޖެހެއެވެ.
މިގޮތުން މާލޭގެ ސޯޝަލް ސެންޓަރުގައި މިނިމަމް މެޑިކަލް ރިކުއަޔާމަންޓްސް ފެސިލިޓީ އިފްތިތާހްކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މި ފެސިލީ އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ސޯޝަލް ސެންޓަރުގައި މި ފެސިލިޓީ ގާއިމުކުރީ ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ޞިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރަން ފެށުމުގެ ގޮތުން ކަމަށް ސަރުކާރުން ބުނެއެވެ.
ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމްކުރާ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ވަޞީލަތްތައް ޤާއިމުކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ކުޅުންތެރިއަކަށް، އޮފިޝަލަކަށް ނުވަތަ ބެލުންތެރިއަކަށް ޞިއްޙީ ފުރަތަމަ އެހީ ދޭންޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެހީތެރިވެދޭނެ ގޮތް ހަމަޖައްސާފައުި ހުރުން ހިމެނެއެވެ.
މީގެ އިތުރުން އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އަވަސްފަރުވާ ދިނުމާއި ވީއެންމެ އަވަސް ފުރުޞަތެއްގައި ރައްކާތެރިކަމާއެކު ޞިއްޙީ ފަރުވާދޭ ހޮސްޕިޓަލަކަށް ނުވަތަ އިމާޖެންސީ ފަރުވާދޭ ތަނަކަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން ކަށަވަރުކުރުމަކީ ވެސް މިކަމުގެ މަޤްޞަދެކެވެ.
ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ޞިއްޙީ ޚިދުމަތްތަކާބެހޭ މިންގަނޑުތައް އެކުލަވާލުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓު، ''ހަފްތާ 14''ގައި ހިމެނޭކަމެކެވެ.
ކުޅިވަރު ކުރިއެރުވުމާއި ކުޅުންތެރިންނަށް ބޭނުންވާ ޞިއްޙީ ފަރުވާ އަދި ފިޓްނަސްއާ ގުޅޭކަންކަން ފަހިކޮށްދެއްވުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!