ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީގައި ހިންގަން ހަމަޖެހިފައިވާ އަދި ފަށާފައިވާ ހައުސިން މަޝްރޫއުތައް އަވަހަށް ނިންމައި ދިނުމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ސަރުކާރަށް ގޮވާލައްވައިފިއެވެ.
މިކަމާއި ގުޅިގެން އާތިފް މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން މިހާރު ކުޅުދުއްފުށި ސިޓީގައި އަޅަން ފަށާފައިވާ 400 ހައުސިން ޔުނިޓާއި، ކޮންޓްރެކްޓަރ ފައިނޭންސްއިން، އެ ސިޓީގައި 1000 ހައުސިންޔުނިޓް އެޅުމަށް އެމެރިކާގެ ސްޓްރަކްޗަރސް އަންލިމިޓެޑްއާއި ފަހިދިރިއުޅުން ކޯޕަރޭޝަންއާއި ދެމެދު ވެވިފައިވާ އެއްބަސްވުމާއި އެއްގޮތަށް އެ މަޝްރޫއު ކުރިއަށް ގެންގޮސްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެއިތުރުން ރައީސް ޑރ. މުހައްމަދު މުޢިއްޒު އެ ސިޓީގައި އެޅުއްވުމަށް ވައުދުވެވަޑައިގެންފައިވާ 2000 ހައުސިންޔުނިޓްގެ މަސައްކަތް ވެސް ލަސްނުކުރައްވައި އަވަހަށް ފައްޓަވައި ދެއްވުމަށް މޭޔަރު ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.
މޭޔަރު އާތިފް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ސަރުކާރަށް ރާއްޖެއިން ބޭރުންލިބޭ ހުރިހާ ހިލޭ އެހީއަކާއި، ދައުލަތުން ދަރަނީގެ ގޮތުގައި ނަގާހާ ފައިސާއަކާއި، ދައުލަތުގެ އާމްދަނީގެ ބޮޑުބައި ގްރޭޓާ މާލެ ސަރަހައްދު ތަރައްގީ ކުރުމަށް ހޭދަކުރުމަކީ އަތޮޅުތެރޭގެ ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު ނިކަމެތި ކަމެކެވެ.
ދިވެހިން ބޭނުންވަނީ މުޅި ދިވެރާއްޖޭގެ ތަރައްގީގެ ތަސައްވަރެއް ކަމަށާއި، އެކަން ހާސިލްކުރުމަށްޓަކައި މަރުކަޒީކޮށް ރާއްޖެ ތަރައްގީކުރުން ހުއްޓާލަންޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ސަރުކާރުން ރަސްމާލޭގައި އަޅަން ނިންމި 30000 ހައުސިން ޔުނިޓް މުޅި ރާއްޖެއަށް ބެހިގެންދާނޭ ގޮތަކަށް އެޅުމަށް ވެސް އާތިފް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!