އަންނަ މާރިޗް މަހުގެ 15ގެ ކުރިން ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން އަނބުރާ އެ ޤައުމަށް ގެންގޮސް ނިންމުމަށް ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރުގައި އެދިއްޖެއެވެ.

މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކުރަން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad
rt

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބުދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވައިލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 11 ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ.

އިއްޔެވެސް އެ މަޝްވަރާ ހިންގާފައިވާއިރު، އެއީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވައިލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބޭއްވި 12 ވަނަ ބައްދަލުވުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވިގޮތުގައި، މިއަންނަ މާރިޗް މަހުގެ 15 ކުރިން ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން އަނބުރާ އެ ޤައުމަށް ގެންގޮސް ނިންމުމަށް ދިވެހި ސަރުކާރުގެ ފަރާތުން ވަނީ މިހާރު އިންޑިއާގައި އެދިފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ޢިއުލާންކުރެއްވީ އެކުވެރި އިމާރާތް، ޔުނައިޓެޑް އެރެބް އެމިރޭޓްސް، (ޔޫއޭއީ)އަށް ކުރެއްވި ދަތުރުފުޅަށްފަހު 3 ޑިސެމްބަރު 2023 ގައި މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވީ ދުބާއީގައި ބޭއްވި 28ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ހަވާސާގައި 1 ޑިސެމްބަރު 2023 ވަނަ ދުވަހުގެ ރެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދިނުމަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި ފުރަތަމަ އެދުނީ ރައީސް ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ޖެހިގެން އައި ދުވަހު، އިންޑިއާގެ މިނިސްޓަރ އޮފް އަރތް ސައިންސެސް، ހިޒް އެކްސެލެންސީ މިސްޓަރ ކިރެން ރިޖިޖޫ އާއެކު، 18 ނޮވެމްބަރު 2023 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކޮށްލެއްވުމުގައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ. އަދި މިކަން ވަނީ ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ދުވަހުގެ މަގުޗާޓު ''ހަފުތާ14''ގައި ވެރިކަމުގެވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފެށުމަށް ހިމަނާފައިވާ ކަމެކެވެ.