ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުންނަށް ޗައިނާ އަށް ކުރެއްވި ފުރަންމާނަ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މި މަހު 7 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން، ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ޗައިނާ އަށް ފެއްޓެވި މި ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް ޝީގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

Ad
rt

ރައީސް މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ އެ ގައުމުގެ ފޫޖޯ އަށެވެ. އަދި އެރަށުގައި އޮތް އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.

މީގެ އިތުރުން އެ ޤައުމުގެ ބޮޑެތި އިންވެސްޓްމަންޓް ކުންފުނިތަކުގެ ވެރިންނާ ވެސް ބައްދަލުކުރެއްވުންތައް ކުރިއަށް ގެންދެވިއެވެ.

އެ އަށްފަހު ވެރިރަށް ބޭޖިން އަށް ވަޑައިގަތީ ޖެނުއަރީ 9 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް ބެއިޖިންއިން ވަނީ ރަތްދޫލައިގެ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ބެއިޖިންއަށް ވަޑައިގަތުމުން ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި އެރުވި ގާޑް އޮފް އޮނަރ އިންސްޕެކްޓް ކޮށްދެއްވިއެވެ.

މި ދަތުރުފުޅުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. އަދި އެ ބައްދަލުވުމަށްފަހު ތަފާތު އެކި ދާއިރާތަކުން މައިގަނޑު 20 އެއްބަސްވުމެއްގައި ދެ ޤައުމުން ވަނީ ސޮއިކޮށްފައެވެ.

މިއީ ރައީސް ޑރ. މުޢިއްޒު، 17 ނޮވެމްބަރ 2023 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި ފުރަމާނަ ދަތުރުފުޅެވެ.