ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިހާތަނަށް މާލޭގެ އިތުރުން ހަތަރު ރަށެއްގައި ފެންބޮޑުވެ، 144 ގެއަކުން އެހީތެރިކަމަށް އެދިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
މިއަދު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ އަދާހަމަ ހާމަކުރަމުން އެންޑީއެމްއޭ އިން ބުނީ، މިރެއާއި ހަމައަށް މާލެ އާއި 4 ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މާލޭގެ އިތުރުން ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ ރަށްތަކަކީ، ތ. ގުރައިދޫ، ތ. ދިޔަމިގިލި، ލ. މާމެންދޫ، ދ ކުޑަހުވަދޫ އެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ މާލޭގެ ގޭގެއަށް ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
އެންޑީއެމްއޭ އިން ބުނީ މިހާތަނަށް މާލޭގެ 144 ގެއަކުން ގުޅައި އެހީތެރިކަމަށް އެދިފައިވާކަމަށެވެ. އަދި 132 ގެއަކަށް ވަނީ މިރޭ 7:30 އާއި ހަމައަށް އެހީތެރިަކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މާލޭގެ 91 ގެއެއްގައި ވެލިބަސްތާ ޖައްސާފައިވާއިރު، 8 ގެއެއްގެ 57 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން ހަމަޖައްސައިދީފައިވާނެ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.
މާލެއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމަށް އެމްއެންޑީއެފުން މިއަދު ހެނދުނުން ފެށިގެން ކުރަމުންދާ މަސައްކަތުގެ އަދާހަމަ ހާމަކުރަމުން އެތަނުން ބުނީ، މިރޭ 6:15 އާއި ހަމައަށް 9306 ޓަނުގެ ފެން ވަނީ ޕަންޕު ބޭނުންކޮށްގެން ހިންދާފައި ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!