އިނގިރޭސި އެފްއޭކަޕް ތިންވަނަ ބުރުގައި ލިވަޕޫލް އަތުން ބަލިވެ އާސެނަލް ކަޓައިފިއެވެ. އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން އެ ޓީމް ބަލިވީ 2-0 ގެ ނަތީޖާއިންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނުއިރު، ލިވަޕޫލުގެ ފަހަތުން ހެދުނު ގޯހަކުން އާސެނަލަށް ކައިރިކައިރީގައި ލަނޑު ޖަހާނެ ދެ ފުރުޞަތެއް ފަހިވިއެވެ. ހަވާޓްޒް ލިވަޕޫލްގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ސަކާއަށް ގޯލަށް ފޮނުވާލަން ލިބުނު ނަމަވެސް އެ ބޯޅަ ބޮލޮކްވެ ބޭރަށް ނުކުތްވަގުތު އާސެނަލްގެ ކެޕްޓަން އޮޑެގާޑަށް ވަނީ ލިވަޕޫލުގެ ގޯލަށް އެ ބޯޅަ ފޮނުވާލުމުގެ ފުރުޞަތު ލިބިފައެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

Ad
rt

ފުރަތަމަ ހާފުގައި ލިވަޕޫލުން އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ އާނޯލްޑެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ ބޭރަށް ނުކުތީ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ލިވަޕޫލުން ކާމިޔާބުކުރީ 80 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ލިވަޕޫލަށް އާސެނަލްގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ކުޅުނު ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭ އާސެނަލްގެ ޖަކުބް ކިވިއާ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭ ޖަހައިދިނީ ލުއިސް ޑިއާޒްއެވެ.

މި ސީޒަން ފަށައިގެން ރަނގަޅު ކުޅުމެއް ދައްކަމުން އައި އާސެނަލް މިހާރު ވަނީ ފޯމް ދައްވެފައެވެ. އެންމެ ފަހުން އެ ޓީމް ކުޅުން ހަތް މެޗުގެ ތެރެއިން މޮޅުވީ ވެސް އެންމެ މެޗަކުންނެވެ.

މި މެޗަށް ލިވަޕޫލް ނުކުތީ އެ ޓީމްގެ އިތުބާރު އެޓޭކަރ މުހައްމަދު ސަލާހް ނުލައެވެ. އޭނާ ވަނީ އެފްރިކަން ކަޕް އޮފް ނޭޝަންސް ކުޅުމަށް ގައުމީ ޓީމާއި ގުޅިފައެވެ. އަދި އަނިޔާގެ ސަބަބުން ވެން ޑައިކް އާއި ޒޮބޮސްލާއީ ވެސް ލިވަޕޫލްގެ ސްކޮޑުގައި ހިމަނާފައި ނުވެއެވެ.