ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބޭއްވި "މިލައުތުރު ފުޓްސަލް ޓޯނަމަންޓް 2023" ގެ ޗެމްޕިއަންކަން ކަނޑިތީމުން ކާމިޔާބު ކޮށްފިއެވެ.
ގޮއިދޫގައި އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރީ ކަނޑިތީމާއި ގޮއިދޫއެވެ. އަތޮޅުގެ ހުރިހާ ރަށަކުންހެން ފައިނަލް މެޗުބަލަން ގޮއިދޫއަށް އެތައްބަޔަކު ޖަމާވިއިރު، ވާދަވެރި ފޯރިގަދަ ފައިނަލް މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް ކަނޑިތީން އުފުއްލައިލިއެވެ.
ފައިނަލް މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ކަނޑިތީމުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިބްރާހީމް ނަދާދުއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޮއިދޫއަށް ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްދިނީ މުހައްމަދު މިސްބާހް އެވެ. ދެވަނަ ހާފުގައި ކަނޑިތީމަށް ދެވަނަ ފަހަރަށް ލީޑު ލިބުނީ އާދަމް ތައުފީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މުހައްމަދު އަހުސަމް ލަނޑުން ގޮއިދޫ ދެވަނަ ފަހަރަށް ވެސް ނަތީޖާ ހަމަހަމަ ކުރިއެވެ. ނަމަވެސް މެޗުގެ ފަހު ކަނޑިތީމްގެ ނަދާދު ވަނީ ލަނޑުޖަހައި ތަށި ޔަގީން ކޮށްފައެވެ.
އެ އަތޮޅުގެ 14 ރަށަކުން ބައިވެރިވި މި މުބާރާތް ކުޅެފައި ވަނީ ފުރިހަމަ އިންތިޒާމް ތަކަކާއިއެކު ދެ ރަށެއްގައެވެ. އެއީ މާއުނގޫދޫގައާއި ގޮއިދޫގައެވެ. ފައިނަލް މެޗުން ގޮއިދޫ ބަލިވިނަމަވެސް މުބާރާތް އިންތިޒާމް ކުރުމުގައި އެ ރަށުން ވަނީ އާދަޔާ ހިލާފް މަސައްކަތްތަކެއް ކޮށްފައެވެ. ގޮއިދޫގެ އިންތިޒާމްތައް ފުރިހަމަކަމުން ގިނަ ބަޔަކު އެ ރަށަކީ އިންތިޒާމް ކުރުމުގައި ޗެމްޕިއަނުން ގޮތުގައި ވަނީ ސިފަކޮށްފައެވެ.
ފައިނަލް މެޗު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ށ. އަތޮޅުގެ ޕޮލިސް ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އަބްދުﷲ އެވެ.
މިއީ އެ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މި މުބާރާތް ބޭއްވި ދެވަނަ ފަހަރެވެ. ފުރަތަމަ މުބާރާތް މިދިޔައ އަހަރު ބޭއްވިއިރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފުނަދޫއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!