އާންމު ގޮތެއްގައި ދަނޑުވެރިކަންކުރާ ފަރާތްތަކުން އެންމެ ބޮޑު ސަމާލުކަމެއް ދެމުންގެންދަނީ ދަނޑުބިންތަކުން އުފައްދާ މިންވަރު އިތުރުކުރުމަށާއި، ތަފާތު ބާވަތްތައް އުފެއްދުމަށެވެ.
މީގެ އިތުރުން އުފައްދާ ބާވަތްތައް އެންމެ ފައިދާހުރި ގޮތެއްގައި ވިއްކުމަށާއި، ކުރާ މަސައްކަތުގެ އަގުގެ އިތުރުން ނަފާ ހޯދުމަށް މަސައްކަތް ރޭވުމަކީ އާންމުގޮތެއްގައި ދަނޑުވެރިން އިސްކަމެއްދޭ ކަމެއް ނޫނެވެ.
ނަމަވެސް މިފަދަ ގޮތަކަށް އާމްދަނީ ހޯދުމަށް ކުރާ އެއްވެސް މަސައްކަތެއް ހިންގުމަކީ މިޒަމާނުގައި ބުއްދިވެރިކަމެއް ނޫނެވެ. ސަބަބަކީ އޭރުން ޚަރަދުކުޑަކޮށް، އަގުހެޔޮކޮށް، ތާޒާކަންމަތީ ބާޒާރުގައި ތަކެތި ވިއްކާ ފަރާތްތަކާ ވާދަކޮށް ކުރިއެއް ނުހޯދޭނެއެވެ.
އެހެންކަމުން، އެންމެ ކުޑަމިނުން ކުރާ ހޭދައިގެ އަގު އަނބުރާ ހޯދަން އެދޭނަމަ ދަނޑުވެރިކަމުގެ ވިޔަފާރީގެ ވިސްނުމާއި ހިންގުންތެރިކަން ބޭނުންކުރަން ޖެހެއެވެ.
ޒަމާނީ ވަސީލަތް ބޭނުންކޮށްގެން ދިވެހި ދަނޑުވެރިއަކު ކުރާ މަސައްކަތެއް. ފޮޓޯ: ޢަލީ ޢަބުދު ﷲ،
ޒަމާނީ ދަނޑުވެރިކަން ކުރެވޭނީ ހިސާބުތައް ރަނގަޅަށް ބަލަހައްޓައި، ވިޔަފާރީގެ ކުރިމަގު ރާވައި ބަލަހައްޓައި، ފައިދާ ނެރެވޭނެ ގޮތްތައް ދިރާސާކޮށް، ވިޔަފާރި ބެލެހެއްޓުމަށް ކުރަންޖެހޭ ކަންތައްތައް ކޮށްގެންނެވެ. ދަނޑުގައި އުފައްދާ ބާވަތްތައް އިތުރުކުރުމަށް ފަރުވާތެރިވާ ފަދައިން، ދަނޑުވެރިކަމުގެ ވިޔަފާރީގެ ނަފާވެރިކަމަށް ވެސް ފަރުވާތެރިވެ ސަމާލުކަން ދީގެންނެވެ.
މިގޮތުން ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި (އޮށް، ފެން، ޕަންޕު، ބިމުގެ މުއްސަނދިކަން އިތުރުކޮށްދޭ ގަސްކާނާ ފަދަ ތަކެތި) ހޯދުމުގައިވެސް ވިސްނަންޖެހޭނީ ހަމައެކަނި އުފެއްދޭ މިންވަރު އިތުރުކުރުމަކަށް ނޫނެވެ. އެކަމަށް ކުރާ ޚަރަދުން ލިބިގެންދާނެ އިގްތިސާދީ ފައިދާއާއި ނަފާއަށްވެސް ސަމާލުކަން ދޭންޖެހެއެވެ.
ދިވެއްސަކު ގޯތިތެރޭގައި ހައްދާފައިވާ ލެޓަސް
މިޒަމާނުގައި ކާމިޔާބު ހޯދާ ދަނޑުވެރިންނަކީ ކުރާ ދަނޑުވެރިކަމުގެ ވިޔަފާރީގެ މާލިއްޔަތު ބަލަހައްޓައި، އުފައްދާ ބާވަތްތަކުގެ ބާޒާރު ދެނެގަނެ، މާރކެޓް ކުރުމުގެ ހުނަރުތައް ބޭނުންކޮށް، އަދި ތިމާގެ ވިޔަފާރި ދެކޮޅުޖެހޭ މިންވަރު ރަނގަޅަށް ދެނެގަންނަ ފަރާތްތަކެވެ.
މަސްދަރު: އަލްމަރުޙޫމާ ޑރ.ފާތިން ޙަމީދު
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!