އައްޑޫ ސިޓީގައި ފުލުހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖު (ނެޝަނަލް ކޮލެޖު ފޯ ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓު)ގައި ޑިއުޓީ އަދާކުރާ ފުލުހަކު ރޭ އިޝާނަމާދަށް ދިޔަގޮތައް ގެއަަށް ނައިސް ޚަބަރު ނުވެގެން ރޭ އެ އިދާރާއަށް ރިޕޯޓުކޮށްފަ ވާކަމަށެވެ.

Ad
rt

މި ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ ރޭ މެންދަމު 12:40 ގައެވެ.

އެ ފުލުސް މީހާ ހޯދަމުން ދަނިކޮށް ފެނުނީ ހިތަދޫ ސްވިމިން ޓްރެކާ ދިމާ މޫދުން ކަމަށް ފުލުހުން ވިދާޅުވެއެވެ.

އެ ފުލުސް މޫދުން ފެނުނީ 1:40 ހާއިރު އެވެ. ފުލުސް މީހާ މޫދުން ފެނުމުން ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ފުލުސް މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވި ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ނިޔާވެފައި ވަނީ އުމުރުން 22 އަހަރުގެ ފުލުހެކެވެ.

މިހާދިސާ ހިނގާފައި ވަނީ ފުލުސް މީހާ ޑިއުޓީ ގަޑީގައި ނޫންކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ފުލުހުން ގެންދަވަނީ މި މައްސަލަ ތަހްގީގު ކުރައްވަމުން ކަމަށް އެ އިދާރާއިން ވިދާޅުވެފަ ވެއެވެ.