އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ.
އަމިއްލަ ދަތުރުފުޅެއްގައި އިންތިޚާބީ ރައީސް ޔޫއޭއީ އަށް ވަޑައިގަތީ އިއްޔެއެވެ.
އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިރޭ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ އިންތިޚާބީ ރައީސް ޔޫއޭއީ ދަތުރުފުޅަށްފަހު މިއަދު މާލެ ވަޑައިގެންފައިވާ ކަމަށެވެ.
މުއިއްޒު ޔޫއޭއީ އަށް ދަތުރުފުޅެއް ކުރެއްވިއިރު، މިދިޔަ ހަފުތާގައި ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވެސް ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
އިންތިޚާބީ ރައީސް، ރައީސް ކަމުގެ ހުވާކުރައްވާނީ މި މަހުގެ 17 ވާ ހޮނިހިރު ދުވަހުގެ ހަވީރުއެވެ.
މި ރަސްމިއްޔާތަށް އަވަށްޓެރި ޤައުމުތަކާއި ރާއްޖެއާއި ގާތް ގުޅުން އޮންނަ އެހެން ޤައުމުތަކުގެ ވެރިންނާއި ޖަމާއަތްތަކަށް ވަނީ ދައުވަތު ފޮނުއްވާފައެވެ. މި ޖަލްސާގެ ދައުވަތު ޖުމްލަ 3500 މީހުންނަށް ވަނީ ފޮނުވަން ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!