ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ހޭލުންތެރިކުރުމުގެ ހަރަކާތެއް ހއ. ދިއްދޫގައި ކުރިއަށް ގެންގޮސްފިއެވެ.
މިއީ ޗިލްޑްރެންސް އެމްބަޑްސްޕާސަންގެ އޮފީހުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 26 ގައި މމި ހަރަކާތް ކުރިއަށް ގެންދިޔައީ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެންނެވެ.
ޗިލްޑްރެންސް އެމްބަޑްޕާސަން އޮފީހުން ވިދާޅުވީ މި ސެޝަންގައި 'ޗައިލްޑް ޕްރޯއެކްޓިވް ޑިޒިޝަން" ނަގާނެ ގޮތާއި ކުޑަކުދިންގެ ހައްގުތަކާއި ޒިންމާތަކަށް އެކުދިން އަހުލުވެރިކުރުވުމާއި ގުޅޭގޮތުން ބެލެނިވެެރިންނަށް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ކުއްޖެއްގެ ހައްގުތައް ނިގުޅައިގަނެވޭ ހާލަތްތަކުގައި ރިޕޯޓު ކުރާނެ ފަރާތްތަކުގެ މައުލޫމާތު ވެސް ދީފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އެ އޮފީހުން ކުރިއަށް ގެންދާ 'ކުދިންގެ ރައުޔު' ސިލްސިލާގެ 7 ވަނަ ފޯރަމް އޮކްޓޯބަރު 28 ވަނަ ދުވަހު އެ އަތޮޅު ތައުލިމީ މަރުކަޒުގައި ބާއްވާފައިވާ ކަމަށާއި މި ފޯރަމްގައި އެ އަތޮޅުގެ 13 ސްކޫލަކުން 101 ދަރިވަރުން ބައިވެރިވި ކަމަށް ވެސް ވިދާޅުވިއެވެ.
މި ފޯރަމަކީ ކުދިންނާއި ގުޅޭ ކަންކަމުގައި އެކުދިންގެ ހިޔާލާ މަޝްވަރާ ހޯދައި، ކުދިން ކަންކަމުގައި ދެކޭގޮތް ހާމަކުރުމަށާއި ކުދިންގެ ހައްގުތަކާއި މަސްއޫލިއްޔަތުތަކަށް ކުދިން އަހުލުވެރިކުރުމަށް ބާއްވާ ފޯރަމެއް ކަމަށް ވިދާޅުވިއެވެ.
އެ އޮފީހުން ވިދާޅުވީ މިފަހަރުގެ ފޯރަމުގައި ވެސް ކުޑަކުދިންގެ ހައްގުތަކާއި ގުޅުން ހުރި ތަފާތު 10 މައުޟޫއަކަށް ކުދިން މަޝްވަރާކޮށް، ޕްރެޒެންޓޭޝަން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކުދިން ވަނީ އަނބުރާ ސްކޫލަށް ގޮސް، ފޯރަމުން ދަސްވި މައުލޫމާތު އެހެން ކުދިންނަށް އަންގައިދިނުމުގެ ގޮތުން ކުރާނެ ކަންކަމުގެ އެކްޝަން ޕްލޭނެއް ވެސް އެކުލަވައިލާފައި ކަމަށް ވެސް އެ އޮފީހުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!