ދަ ޑިމޮކްރެޓިކްސް އެތެރޭގެ ފުރަތަމަ އިންތިޚާބުގައި އެ ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަން ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ސިއްޕެ) ނިންމަވައިފިއެވެ.

ބާރަށު ދާއިރާގެ މެންބަރު ކަމާއި، ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ސިއްޕެ މިކަން ހާމަކުރައްވީ ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

އެ ޕޯސްޓްގައި ސިއްޕެ ވިދާޅުވީ، ރާއްޖޭގެ އުއްމީދީ ސިޔާސީ މުސްތަގުބަލަށް ދަ ޑިމޮކްރެޓްސްގައި ކުރާ މަސައްކަތާއެކު އޭނާ އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ ކަމަށެވެ. އަދި މެމްބަރުންގެ ތާއީދާއި، އެހީތެރިކަމާއި އެއްބާރުލެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ހއ. ބާރަށަށް ނިސްބަތްވެވަޑައިގަންނަވާ ސިއްޕެ އަކީ ރައީސް ޔާމީންގެ ވެރިކަމުގެ ބާރުގަދަ ދުވަސްވަރު، އެމްޑީޕީއަށް އެންމެ ނިކަމެތިން ލިބުނު ދަނޑިވަޅުގައި އެ ޕާޓީ ކޮޅަށްޖަހައި، ޕާޓީ މަގުމަތިވިޔަނުދީ ޕާޓީ ހިންގުމުގެ މުގުލުގައި އެ ދުވަސްވަރު ހުންނެވި އެންމެ އިސް ލީޑަރެވެ. އެ ދުވަސްވަރު ޕާޓީގެ ރައީސް ކަމުގައި ހުންނެވީ މުޙައްމަދު ނަޝީދު ހުންނެވީ ސިޔާސީ ފިއްތުމުގެ ސަބަބުން ރާއްޖެ ވަޑައިގެންނެވޭގޮތްނުވެ އިނގިރޭސިވިލާތުގައި ތާށިވެފައެވެ. އެދުވަސްވަރު ޕާޓީއާއެކު ސިޔާސީ ގަދަ ކަނޑުގައި ދަތުރުކޮށް 2018 ގައި އެމްޑީޕީއަށް ވެރިކަން ކާމިޔާބުކޮށްދިނުމުގައި ސިއްޕެގެ ދައުރު ވަރަށް ބޮޑެވެ.

ރައީސް ނަޝީދާ ވަރަށް ގާތް ގުޅުމެއް އޮންނަ ސިއްޕެ އެމްޑީޕީ ދޫކޮށްލެއްވީ ޕާޓީގެ އެތެރޭގެ ޚިޔާލުތަފާތުވުންތަކަށް ފަހު، ރައީސް ނަޝީދާއެކު ދަ ޑިމޮކްރެޓްސްގައި މަސައްކަތް ކުރެއްވުމަށެވެ. ސިއްޕެ ވަނީ އެ ޕާޓީ އުފެއްދުމުގައި ވެސް ވަރަށް އިސް ދައުރެއް އަދާކުރައްވާފައެވެ.

ދަ ޑިމޮކްރެޓިކްސް ރަޖިސްޓްރީކޮށް، އިލެކްޝަން ކޮމިޝަން (އީސީ)ގެ ދަފުތަރުގައި މި ޕާޓީ ހިމަނާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 12 ގައެވެ. އެއަށްފަހު ޕާޓީގެ ޅައުމުރުގައި މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކޮށް އެ ޕާޓީން ވަނީ ތިންވަނަ ހޯދާފައެވެ.

އެންމެ ފަހުން ރަޖިސްޓްރީ ކުރި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި 23 މަގާމަށް ބޭފުޅުން އިންތިހާބު ކުރާން ވަނީ ހަމަޖެހިފައެވެ.