ފަތުރުވެރިކަމުގައި އަންހެނުންގެ ދައުރާއި ބައިވެރިވުން އިތުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖެނެރަލް މެނޭޖާސް ފޯރަމް 2023 ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަމުގައި އަންހެނުންގެ ބައިވެރިވުން ފުޅާކުރުމަށް ގާނޫނީ އޮނިގަނޑުތަކުގެ ތެރެއިން ގެންނަޖެހޭ ބަދަލުތައް ގެނެސް، ހަމަހަމަ އުޖޫރު ލިބިދެވޭކަން ޔަގީންކޮށްދެއްވާނެ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ހާއްސަ ރިޓަޔާމަންޓް ސްކީމެއް ވެސް ތައާރަފްކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ފަރާތްތަކަށް ހާއްސަ ސޯޝަލް ހައުސިން ސްކީމެއް ތައާރަފްކުރައްވައި، ފަތުރުވެރިކަމުގެ ދާއިރާގެ ހިންގުމުގެ އިސް މަގާމުތައް ދިވެހީންނަށް ފަހިކޮށްދިނުމަށް ކުރެވެން ހުރި މަސައްކަތްތަކަށް ސަމާލުކަންދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ފަތުރުވެރިކަމުގެ ފައިދާ ސީދާ ގޮތެއްގައި ޒުވާނުންނަށް ފައިދާވާނެ މަގަށް ސިޔާސަތުތައް ބައްޓަންކުރުމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެ މަގަށް ސިނާއަތުގެ ހުރިހާ ހިއްސާދާރުން ވެސް މަސައްކަތްކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ހަމަމިއާއެކު ދިވެހި އިގްތިސޯދު ސިންދަފާތުކުރުމުގެ (ޑައިވަރސިފައިކުރުމުގެ) އިތުރަށް ފަތުރުވެރިކަމުގެ ސިނާއަތު ވެސް ސިންދަފާތުކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.