އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމްތަކާ ގުޅޭ ގޮތުން ޕީޕީއެމް/ޕީއެންސީ ލީޑާޝިޕުން ރައްޔިތުންގެ މަޖިލީހާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުން އޮތީ ރައްޔިތުންގެ މަޖިލިހުގެ އިދާރާގައެވެ.

Ad
rt

މި ބައްދަލުވުމުގައި އިންތިގާލީ މަރުހަލާގެ ކަންކަން ބަލަހައްޓަވާ ޑިރެކްޓާ އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މަޖިލީހުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އާއި ކައުންސިލް ޖެނެރަލް ފާތިމަތު ފިލްޒާ އާއި އިދާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މަޖިލިހުގެ އިދާރާ އިން ވަނީ ރައްޔިތުންގެ މަޖިލިހުގެ ބައްދަލުވުން ނުވަތަ ޖަލްސާ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ބާއްވާ ގޮތަށް ނިންމައިފައެވެ. އެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖުމްހޫރީ މައިދާނުގައެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުގައި، އެ އިންތިހާބު ކާމިޔާބު ކުރެއްވެވި މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފައެވެ. އެމްޑީީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ.

މުއިއްޒު މީގެކުރިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ރައްޔިތުންގެ މަޖިލިހުން ބާއްވަން އޮންނަ އިރު، އެ މަޖިލިހުން ފުރަތަމަ ނިންމަވާފައި އޮތީ ޖަލްސާ މަޖިލިހުގެ އިދާރާގައި ރަސްމިއްޔާތު ބޭއްވުމަށް ކަމަށެވެ. އެކަމަކު، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރައްވައި، ޖުމްހޫރީ މައިދާނުގައި ބާއްވަން ބޭނުންފުޅު ވާ ކަމަށް ހާމަކުރެއްވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.