އޮމާންއަށް އޮންއަރައިވަލް ވިސާ ލިބޭނީ 2 ޝަރުތަކާއެކު ކަމަށް ރާއްޖޭގެ ހާރިޖިއްޔާ އިން ވިދާޅުވެއްޖެއެވެ.

އެ އިދާރާ އިން މިހެން ވިދާޅުވެފައި މިވަނީ ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ކުރިން ވިސާއެއް ނެގުމަކާ ނުލައި އެގައުމަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖެގިފައި އޮތް ކަމަށް އެ ވުޒާރާ އިން ކުރިން ވިދާޅުވެފައި ވަނިކޮށް، އޮމާނަށް ދިޔަ ދިވެއްސަކަށް އެ ގައުމަށް އެތެރެ ނުވެވި އެނބުރި ރާއްޖެ އަންނަން ޖެހުނު މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

Ad
rt

ހާރިޖިއްޔާ އިން ވިދާޅުވީ ދިވެހިން އޮމާންއަށް ދަތުރުކުރުމާގުޅޭގޮތުން މިއަހަރުގެ މާރިޗު 30 ވީ ބުރާސްފަތި ދުވަހު އެ ވުޒާރާ އިން ޝާއިއުކޮށްފައިވާ ނޫސްބަޔާނުގައި ދީފައިވާ މައުލޫމާތުތަކަކީ އެވަގުތު އޮމާން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދެއްވާފައިވާ ރަސްމީ މައުލޫމާތު ކަމަށެވެ.

އެހެންނަމަވެސް އެއަށްފަހު އޮމާންއަށް ދަތުރުކުރާ ދިވެހިންނަށް 14 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބެނީ އަންނަނިވި ޝަރުތުތައް ފުރިހަމަވުމުން ކަމަށް އެ ވުޒާރާ އަށް އަންގާފައިވާ ކަމަށް ހާރިޖިއްޔާ އިން ވިދާޅުވެއެވެ.

އެގޮތުން އިނގިރޭސިވިލާތް، އެމެރިކާ، ޝެންގަން ޤައުމުތައް، ކެނެޑާ، އޮސްޓްރޭލިއާ ނުވަތަ ޖަޕާންގެ މުއްދަތު ހަމަނުވާ ވިސާއެއް އޮތުން ނުވަތަ އެއިން ޤައުމެއްގެ ރަށްވެހިކަން އޮތުމާއި ހޮޓެލް ބުކިންގ، ދެކޮޅު ޓިކެޓް އަދި ހެލްތު އިންޝޫރަންސް އޮތުން ހިމެނޭ ކަމަށް އަންގާފައިވާ ކަމަށް ވިދާޅުވިއެވެ.

މިހެންކަމުން އޮމާންއަށް ދަރުތުކުރައްވާ ފަރާތްތަކުން މައެ ޝަރުތުތައް ފުރިހަމަ ނުވާނަމަ ދުރާލާ ވިސާ ނަންގަވައިގެން ވަޑައިގަތުމަށް ދިވެހި ހާރިޖިއްޔާ އިން ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އޮމާންއަށް ދަތުރުކުރާ ދިވެހިންނަށް އެއްވެސް ޝަރުތަކާނުލާ އޮން-އެރައިވަލް ވިސާ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމާއި ގުޅޭގޮތުން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަމުންގެންދާ ކަމަށް ވެސް ދިވެހި ހާރިޖިއްޔާ އިން ވިދާޅުވެއެވެ.