އެއްގަމާއި ކަނޑުގެ އުޅަނދުތައް ދުއްވާއިރު މޫސުމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަ ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ. ޚާއްސަގޮތެއްގައި ހއ. އަތޮޅުން ފެށިގެން ރ. ބ. ދ. ވ. ފ. އދ. ޅ. އަތޮޅު ފަދަ އަތޮޅުތައް ހިމެނޭ ސަރަހައްދުތަކަށް މި ދުވަސްވަރު މޫސުން ގޯހެވެ. އަދި މާލެ ސަރަހައްދަށް ވެސް މޫސުން ގޯހެވެ.

Ad
rt

މޫސުމަށް ސަމާލުވުމަށްއެދި މިއަދު ފުލުހުން ނެރުއްވި ސަމާލުގެ މެސެޖުގައި ވަނީ އެއްގަމު އުޅަނދުތަކާއި، ކަނޑު އުޅަނދު ދުއްވާއިރު ސަމާލުވާންވީ ކަންކަން ހިމަނުއްވާފައެވެ.

މިގޮތުން، އެއްގަމު އުޅަނދު ދުއްވާއިރު ސަމާލުވާންވީ ކަންކަމުގެ ތެރޭގައި ވައިގަދަ ވަގުތުތަކުގައި ކޮންޓްރޯލް ކުރެވޭ މިންވަރަށް ސައިކަލްގެ ސްޕީޑު ހިފެހެއްޓުމާއި، ވިއްސާރަ ވެހޭއިރު އުޅަނދު ދުއްވާއިރު ހެޑްލައިޓް ދިއްލުމާއި، ވަޔާއެކު ހަލާކުވެގެން ނުދާފަދަ ވިއްސާރަ ކޯޓެއް ބޭނުން ކުރުމާއި، ބުރުގާ އަޅާމީހުން ވަޔާއެކު ބުރުގާ މޫނުގައި ނޭޅޭނޭހެން ބުރުގާއި އެޅުމާއި، އަދި މަގުމަތީ އުޅނަދު ދުއްވާއިރު ހިނގާ މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުން ހިމެނެއެވެ.

ކަނޑު ދަތުރުކުރާއިރު ސަމާލުވާންވީ ކަންކަން

  • މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުން
  • އުޅަނދުގައި ސަލާމަތީގޮތުން ފުރިހަމަވާންޖެހޭކަންކަން ފުރިހަމަވެފައިވޭތޯ ކަށަވަރުކުރުން
  • އުޅަނދުގައި އުފުލުމަށް ހުއްދަދީފައިވާ މިންގަނޑަށްވުރެ އިތުރަށް މީހުން ނޭރުވުމާއި، މުދާ ނުއުފުލުން

އެއްގަމާއި ކަނޑުގެ އުޅަނދުތައް ދުއްވާއިރު މޫސުމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސް ކުރިއިރު، ބޯކޮށް ވާރޭވެހި ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް މިއަދު މެންދުރު 13:00 ހަމައަށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް، މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިހާރު ވެސް އޮތީ ހުދުސަމާލު ނެރެފައެވެ.