ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ވޯޓެއް ނަގާނަމަ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ތާއީދު ނުކުރަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރަން އާންމު ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އަންގައި ރައްޔިތުންގެ މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފައެވެ. މި ގަރާރަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ފުރޮޅާލުމަށް އިސްވެ މަސައްކަތްކުރާ ދަ ޑިމޮކްރެޓްސްގެ ފަރާތުން އެ ޕާޓީގެ މެންބަރު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރެކެވެ.

Ad
rt

މި ގަރާރާމެދު ގޮތެއް ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލިސް ރޭ ވަނީ އެއްވެފައެވެ. ރޭ މާލޭ އިމާދުއްދީން ސްކޫލްގައި ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވި އެމްޑީޕީގެ ގައުމީ މަޖިލިސްގެ މެންބަރުން ވަނީ ބަރުލަމާނީ ނިޒާމާ ދެކޮޅަށް ފުޅާދާއިރާއެއްގައި ވަކާލާތުކޮށް ވާހަކަ ދައްކާފައެވެ.

މި ޖަލްސާގައި ބައިވެރިވެވަޑައިގެން އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވެސް ވަނީ ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރަން އާންމު ވޯޓަކަށް ގޮސްފިނަމަ، ރިޔާސީ ނިޒާމު ދަމަހައްޓަން އަމަލީ ގޮތުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ ބަރުލަމާނީ ނިޒާމާ ދެކޮޅު ހައްދަވާފައެވެ.

މެންބަރުންގެ ބަހުސަށްފަހު، ރިޔާސަތުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ސެކްރެޓޭރިއަޓުގެ ފަރާތުން ގަރާރެއް ހުށަހަޅުއްވައިފަ އެވެ. އެ ގަރާރުގައި ބުނެފައި ވަނީ ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު އާންމު ވޯޓެއް ނަގާ ނަމަ، އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާނެ ކަމަށެވެ.

އެ ގަރާރު ފާސްކުރީ، އެމްޑީޕީގެ ގައުމީ މަޖިލިސްގެ ޖަލްސާއަށް އެވަގުތު ހާޟިރުވެ ތިއްބެވި 90 މެމްބަރުންގެ އިއްތިފާގުންނެވެ.