ވޭތުވެދިޔަ 24 ގަޑިއިރު 75.2 މިލިމީޓަރުގެ ވާރޭ މާލެއަށް ވެހިފައިވާ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާގެ ތަފާސް ހިސާބުން ދައްކައިފިއެވެ.

އެ އިދާރާގެ ތަފާސް ހިސާބުން ދައްކާގޮތުގައި ރޭ އިރާކޮޅުން ފެށިގެން މާލެއަށް ވާރޭ ވެހެމުންދިޔައިރު، ގާތްގަނޑަކަށް ދެ ގަޑިއިރުގެ ތެރޭގައި 53.7 މިލިމީޓަރުގެ ވާރޭ މާލެއަށް ވެހިފައިވާ ވެއެވެ.

Ad
rt

ދެން އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑްކުރެވިފައިވާ ބ. ދަރަވަންދުއަށް 64 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ހުޅުލެއަށް 63.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވެސް ތަފާސް ހިސާބުން ދައްކައެވެ. އަދި ކ. ދިއްފުއްޓާއި ކާށިދޫ އަދި ބ. ގޮއިދުއަށް ވެސް ބޯކޮށް ވާރޭވެހުނުކަމަށް ވަނީ ރެކޯޑްކުރެވިފައެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެފައިވަނީ ވާރޭގެ ސަބަބުން ފެންބޮޑުވެ ގެއްލުންވެގެން އއ. ރަސްދުއާއި، ޅ. ނައިފަރުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެރަށްރަށުގެ ބައެއް ގެތަކަށް ފެން ވަދެ ގެއްލުންވެފައިވާތީ އެކަންބަލަމުން އަންނަކަމަށް ވެސް ވިދާޅުވެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 4 ދުވަހު ވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އަދި މިހާރުވެސް އޮތީ މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލަރޓް ވެސް ނެރެފައެވެ.

އެގޮތުން ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި 40 މޭލަށް ވައިގަދާވެނަކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. އަދި އާއްމުގޮތެއްގައި ވެސް ވައި ބާރުވާނެ ކަމަށާއި އެގޮތުން 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

މީގެ އިތުރުން ވަޔާއެކު ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާ 6 ފޫޓާ ދެމެދުގެ އުސްމިނުގައި ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއެވެ.