އިނގިރޭސި ލީގް ކަޕް ތިންވަނަ ބުރުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުން ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

އަނިޔާއިން ސަލާމަތްވެ ދާދި ފަހުން ކްލަބްގެ ތަމްރީންތަކުގައި ބައިވެރިވާންފެށި މޭސަން މައުންޓާއި، ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ޔުނައިޓެޑާއި ގުޅުނު ސޮފިޔާން އަމްރަބަތު މި މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ވަނީ ކުޅެފައެވެ. މިއީ އަމްރަބަތު ޔުނައިޓެޑަށް ކުޅެދިން ފުރަތަމަ މެޗެވެ.

Ad
rt

މި މެޗުގެ 21 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލަނޑުޖަހައިދީ ލީޑު ނަގައިދިނީ އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޒުވާން ފޯވާޑް ގަނާޗޯއެވެ. އޭގެ ހަ މިނެޓް ފަހުން މައުންޓް ނެގި ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޔުނައިޓެޑަށް ދެވަނަ ލަނޑު ޖަހައިދިނީ ކަސެމީރޯއެވެ.

ޔުނައިޓެޑަށް ތިންވަނަ ލަނޑު 55 ވަނަ މިނެޓުގައި ކަސެމީރޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޖަހައިދިނީ މާޝިއަލްއެވެ.

ލީގު ކަޕްގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު ބާންލީ ވަނީ ރަށުން ބޭރުގައި ސަލްފޯޑް ސިޓީ 4-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. ރޭ 3-2 ގެ ނަތީޖާއަކުން އިޕްސްވިޗް ޓައުން އަތުން ބަލިވެ ވުލްވްސް ވަނީ ތިންވަނަ ބުރުން ކަޓާފައެވެ.

ލީގު ކަޕްގެ ތިންވަނަ ބުރުގައި މިރޭ ލިވަޕޫލް ނުކުންނާނީ ލެސްޓާ ސިޓީއާއި ދެކޮޅަށެވެ. ޗެލްސީއާއި ބްރައިޓަން ވާދަކުރާއިރު އާސެނަލް ނުކުންނާނީ ބްރެންޓްފޯޑާއި ދެކޮޅަށެވެ.