އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ސަރުކާރުން ދޭ ބޭސިކް ޕެންޝަން 5،000ރ. އިން 7،000ރ.އަށް ބޮޑުކުރަން ނިންމަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އެކަން އިއުލާނުކުރައްވައިފި އެވެ.

މި އެލަވަންސަށް ބަދަލު ގެންވާނެ ކަމަށް އިޢުލާންކުރެއްވީ، މިރޭ މާވެޔޮ މަގުގައި ހުންނަ ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

Ad
rt

ރައީސް ވިދާޅުވީ، މި ވޭތުވެދިޔަ 5 އަހަަރު ވެސް މިހާރުވެސް ގެންދަވަނީ ރާއްޖެއަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރައްވަމަށް ކަމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އުޅުއްވި އިރުގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެއް ހުށަހެޅުމަކީ ދުވަސްވީ މީހުންނަށް ދޭ އިނާޔަތުގެ ވާހަކަ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދޭން ފެށި އެލަވެންސް 5،000ރ.ގައި ހިފެހެއްޓިފައި ވުމުގެ ކަންބޮޑުވުން ކެމްޕޭނުގެ ތެރޭގައި އާންމުން ފާޅުކުރި ކަމަށެވެ.

އެގޮތުން އެ ސިޔާސަތު ބަދަލު ކޮށް ކުރިއަށް އޮތް ތަނުގައި 65 އަހަރުން މަތީގެ ކޮންމެ މީހަކަށް 7000 ރުފިޔާ އެލަވަންސެއް ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު 65 އަހަރުން ރިޓަޔާ ވާ ފަރާތްތަކަށް ވެސް 7000 ރުފިޔާ އެލަވަންސެއްގެ ގޮތުގައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މިރޭ ވަނީ މުހިންމު އެހެން ވާހަކައެއްވެސް އިއުލާން ކުރައްވާފައެވެ. އެގޮތުން 65 އަހަރު ވުމުން ވަޒީފާއިން މުސްކުޅިވާ އުމުރު އެމީހަކު ބޭނުން ނަމަ 70 އަހަރުގައި ރިޓަޔާ ކުރެވޭނެ ގޮތް ހައްދަވާނެ ކަމުގެ ވާހަކައެވެ.

މި ބަދަލާއެކު ދޮށީ އުމުރުގެ ގިނަ އަދަދެއްގެ ބަޔަކަށް އިތުރު 5 އަހަރު ވަޒީފާގައި ދެމިހުރެވޭނެއެވެ.

ބޭސިކް ޕެންޝަނަކީ ދައުލަތުގެ ބަޖެޓުން ދޭ އެލަވެންސެކެވެ. 2021ގައި ޖުމްލަ 1.09 ބިލިއަން ރުފިޔާ 19،283 މީހަކަށް ދީފައިވާކަމަށް ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރު އެ އަދަދު 1.16 ބިލިއަން ރުފިޔާއަށް އިތުރުވިއެވެ.