ބާޖެއްގައި ހާލުގައި ޖެހިފައި ތިބި ބަޔަކަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެ އިދާރާ އިން ވިދާޅުވީ މިއީ އިންޑޮނޭޝިއާ އިން ރާއްޖެއަށް ދަތުރުކުރަމުން އައި ޓަގްބޯޓެއްގެ ކަފުގައި އޮތް ބާޖެއް ކަމަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ އެ ގައުމުން ރާއްޖެ އަށް ދަތުރުކުރަމުން އައި ޓަގު ބޯޓު (މުތާ ކޮރަލް) ފަހަތުގައި އޮތް ބާޖުގައި ބަޔަކު އުޅޭކަން ފާހަގަކުރެވިގެން އެކަން ޓަގުބޯޓުގެ ފަރާތުން ރިޕޯޓްކުރުމުން، އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ބެލިބެލުމުން، އެ އުޅަނދުގައި ތިބި 12 މީހުންނަކީ މަސްވެރިންކަންކުރާ ބޭރުގެ އުޅަނދެއްގައި މަސައްކަތްކުރާ ބައެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން އެ މަސްވެރިން، ބާޖަށް އަރާފައިވަނީ ރާއްޖެއާއި ގާތްގަނޑަކަށް 140 މޭލު ބޭރުން، ރޭގަނޑުގެ ވަތުތުގައި އައި ކޮޅިގަނޑެއްގައި އެމީހުން މަސްވެރިކަން ކުރަމުންދިޔަ މަސް ބޯޓާއި ބާޖު ޖެހުމުގެ ތެރޭގައި ބޯޓް ހަލާކުވެ، އަޑިއަށް ދިއުމުން ކަމަށް ބުނެފައިވާ ކަމަށް ވެސް އެ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މިކަންކަން އިތުރަށް ސާފުކުރުމުގެ މަސައްކަތް ގުޅުންހުރި އިދާރާތަކާއި ގުޅިގެން ކުރަމުން އަންނަކަމަށާއި މި މީހުން މާލެގެނެސް މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!