އިނގްލިޝް ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުތަކުން އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އަދި ޓޮޓެންހަމް ހޮޓްސްޕަރސް މޮޅުވިއިރު މެންޗެސްޓަރ ޔުނައިޓެޑަށް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.
ޗެމްޕިއަން މެންޗެސްޓަރ ސިޓީން މެޗް ކާމިޔާބުކުރީ އާސެނަލް އާއި ބައްދަލުކޮށް ފަސޭހަކަމާއިއެކު 3-0 ގެ ނަތީޖާއަކުންނެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގެ ތިން ގޯލްވެސް ފެނިގެނދިޔައީ ފުރަތަމަ ހާފްގައެވެ. އެގޮތުން ފުރަތަމަ ގޯލް ދެވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ކެވިން ޑިބްރުއިންއެވެ. އަދި 15 ވަނަ މިނިޓްގައި ސިޓީގެ ލީޑް ފުޅާކޮށްދިނީ ރަހީމް ސްޓާލިންއެވެ. މެޗްގެ ފަހު ގޯލް ފުރަތަމަ ހާފް ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް މެޗްގެ 40 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލްވެސް ކާމިޔާބުކޮށްދިން ކެވިން ޑިބްރުއިންއެވެ.
ރޭގެ މެޗުން ބަލިވި އާސެނަލް އަށް ވަނީ ގިނަ މައްސަލަތަކަކާ ކުރިމަތިވެފައެވެ. މިސީޒަންގައި ނަތީޖާތަށް ދަށްވުމުގެ ސަބަބުން އާސެނަލްގެ ކޯޗުކަމުގައި ހުރި އުނެއި އެމެރީ މަގާމުން ވަކިކޮށްފައި ވާއިރު ރޭގެ މެޗުގައި އާސެނަލްއަށް އިރުޝާދުދީފައިވަނީ އެމެރީގެ އެސިސްޓެންޓްގެ ގޮތުގައިހުރި އާސެނަލްގެ ލެޖެންޑް ލިޔުންބާގްއެވެ. އާސެނަލް އަށް ދާއިމި ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް ޓީމުގެ މެނޭޖްމަންޓްއިން ކުރަމުންދާއިރު ލިޔުންބާގްގެ އިރުޝާދުގެ ދަށުން މިހާތަނަށް ފަސްމެޗެއް ވަނީ ކުޅެފައެވެ. ނަމަވެސް މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. އަދި އެންމެ ފަހުން އާސެނަލް ކުޅުނު 12 މެޗްގެ ތެރެއިންވެސް މޮޅެއް ލިބިފައިވަނީ ވެސް އެންމެ މެޗަކުންނެވެ. ރޭގެ މެޗުން ބަލިވުމާއިއެކު އާސެނަލް މިހާރު އޮތީ 22 ޕޮއިންޓާއިއެކު ތާވަލްގެ 9 ވަނައިގައެވެ.
ތާވަލްގެ ފަސްވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕަރސް ވަނީ 2-1 ވުލްވްސް ބަލިކޮށް ހަތަރު ވަނައިގައި އޮތް ޗެލްސީ އާއި ދެމެދު ވާ ފަރަގު 3 ޕޮއިންޓަށް ކުޑަކޮށްފައެވެ. މެޗްގެ 8 ވަނަ މިނިޓްގައި ޓޮޓެންހަމް ގެ ލޫކަސް މޯރާ ލީޑް ނަގައިދިފައިވަނިކޮށް 67 ވަނަ މިނިޓްގައި ވުލްވްސްއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ވުލްވްސްގެ ގޯލް ކާމިޔާބުކޮށްދިނީ ޓްރޯރޭއެވެ. ޓޮޓެންހަމް ގެ ދެވަނަ ގޯލް ކާމިޔާބުކޮށް މެޗްއިން 3 ޕޮއިންޓް ކަށަވަރުކޮށްދިނީ މެޗްގެ ފަހު މިނިޓްގައި ވާރޓްންގެންއެވެ.
އެންމެ ފަހުން ލީގުގައި ކުޅުނު ދެމެޗްގައި މެންޗެސްޓަރ ސިޓީ އަދި ޓޮޓެންހަމް ބަލިކުރި މެންޗެސްޓަރ ޔުނައިޓެޑް ރޭ ކުޅުނު މެޗު ނިންމާލަންޖެހުނީ އެވަޓަން އާއި ބައްދަލުކޮށް 1-1 އިން އެއްވަރުވެގެންނެވެ. މެޗްގެ ފުރަތަމަ ގޯލަކީ ޔުނައިޓެޑްގެ ލިންޑެލޮފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ޔުނައިޓެޑްގެ އަރަމުންއަންނަ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ ގްރީންވުޑެވެ.
ލީގުގެ ތާވަލަށް ބަލާއިރު އެއްވަނައިގައި 10 ޕޮއިންޓްގެ ލީޑަކާއިއެކު 49 އޮތީ ލިވަޕޫލްއެވެ. 39 ޕޮއިންޓާއިއެކު ދެވަނައިގައި އޮތީ ލެސްޓަރއެވެ. އަދި ތިންވަނައިގައި 35 ޕޮއިންޓާއިއެކު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އޮތްއިރު ހަތަރުވަނައިގައި ޗެލްސީ އޮތީ 29 ޕޮއިންޓާއިއެކުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!