ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ މި ޓްރާންސްފާގައި ރެއާލް މެޑްރިޑާއި ނުގުޅޭނެކަން، ރެއާލްގެ ކޯޗް ކާލޯ އަންޗެލޮޓީ ޔަގީން ކޮށްދީފިއެވެ.

އުމުރުން 24 އަހަރުގެ އެމްބާޕޭ ޕީއެސްޖީއާއިއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ (2023/24) ނިޔަލަށް ހަމަވާނެއެވެ. އެމްބާޕޭ ޕީއެސްޖީއާއިއެކު ހަދާފައިވާ އެއްބަސްވުން އައު ކުރަން ބޭނުން ނުވާކަން ކުލަބަށް އެންގުމުން ޕީއެސްޖީއާއި އެމްބާޕޭއާއި ދެމެދު ބޮޑު ހިޔާލުތަފާތުވުމަކަށް ގޮސް ނުތަނަވަސްކަން އުފެދުނެވެ.

Ad
rt

އެ މައްސަލާގައި ޕީއެސްޖީން ނިންމީ އެމްބާޕޭ ކޮންޓްރެކްޓް އައު ނުކުރާނަމަ އޭނާ ވިއްކާލުމަށެވެ. މިގޮތުން ފާއިތުވީ ޖުލައިމަހު ސައުދީގެ އަލް ހިލާލުން އެމްބާޕޭ ގަތުމަށް ޝަޢުޤުވެރިކަން ފާޅުކުރިއެވެ. ނަމަވެސް އޭނާ ސައުދީ ލީގަށް ބަދަލުވާން ބޭނުން ނުވާތީ އެ ޑީލް އޮތީ ކުރިއަށް ނުގޮހެވެ.

އެމްބާޕޭއަކީ 2016 ވަނަ އަހަރުން ފަށައިގެން ރެއާލުން އެކި ޓްރާންސްފާ މާކެޓްތަކުގައި ގަންނަން ވަރަށް ބޮޑަށް މަސައްކަތް ކުރި ކުޅުންތެރިއެކެވެ. މި ސަބަބާއި ހުރެ އޭނާއާއި ރެއާލާއި ގުޅުވައި މީޑިއާގައި އަބަދުވެސް ތަފާތު ވާހަކަތައް ދެކެވެމުން އާދެއެވެ. ރިޕޯޓްތައް ބުނާގޮތުން އެމްބާޕޭ ބޭނުންވަނީ މި ސީޒަން ނިޔަލަށް ޕީއެސްޖީގައި މަޑުކޮށް ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި ރެއާލަށް ބަދަލުވުމަށެވެ. ނަމަވެސް ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ހިލޭ ކުލަބު ބަދަލު ކުރުމުގެ ފުރުޞަތު ޕީއެސްޖީން ދޭން ބޭނުމެއް ނުވެއެވެ.

ކޮންޓްރެކްޓް މައްސަލާގައި ޕީއެސްޖީން ސީޒަން ފެށެން ހަފްތާއަކަށް ވީ އިރު ވެސް އޭނާއަށް ޓީމާއިއެކު ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެއެވެ. އަދި ލީގުގައި ޕީއެސްޖީން ކުޅުނު ފުރަތަމަ މެޗުގައި އޭނާ ޓީމުގެ ސްކޮޑުގައި ހިމަނާފައި ނުވެއެވެ. ނަމަވެސް ދެވަނަ މެޗަށް ނެގި ސްކޮޑުގައި ހިމަނައި އޭނާ ވަނީ އެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެ އެ މެޗުގައި ލަނޑު ވެސް ޖަހާފައެވެ.

މީޑިއާއާއި ވާހަކަ ދައްކަމުން ރެއާލުގެ ކޯޗް އަންޗެލޮޓީ ބުނީ ރެއާލަށް އެމްބާޕޭއެއް ވެސް އަދި އެހެން އިތުރު ކުޅުންތެރިއަކު ވެސް މި ޓްރާންސްފާގައި ދެން ނުގުޅޭނެ ކަމަށާއި މިހާރު އޮތް ޓީމުގެ ހުރިހާ ވިސްނުމެއް ހުރީ މި ސީޒަނާއި މެދުގައި ކަމަށެވެ.

ޕީއެސްޖީއާއި އެމްބާޕޭއާއި ދެމެދު ޖެހިފައިވާ މައްސަލައަށް މިހާރު ފިނިކަމެއް ލިބިފައިވާއިރު، މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީން އެމްބާޕޭއާއި ދެމެދު އެއް އަހަރު ދުވަހުގެ އެއްބަސް ވުމެއް އެކުލަވާލާނެއެވެ. ބޭނުމަކީ ސީޒަން ނިންމާފައި ހިލޭ އޭނާ ދޫކޮށްލުމުގެ ބަދަލުގައި ރަނގަޅު އަގެއްގައި ވިއްކާލުމެވެ.

އެމްބާޕޭއަކީ މިހާތަނަށް ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ޕީއެސްޖީއަށް ކުޅުނު 261 މެޗުގައި 213 ލަނޑު ޖަހާފައެވެ.