ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ކޮންމެ ރަށެއްގެ އަތިރިމަތީގައި ރީތި މިސްކިތެއް ބިނާކޮށް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ގާސިމް ކުރައްވާ ދަތުރުފުޅުގައި ނ. މާޅެންދު އަށް ވަޑައިގެން ގާސިމް ވިދާޅުވީ ކޮންމެ ރަށެއްގައި ރަނގަޅު ފެންވަރެއްގެ މިސްކިތެއް ބިނާ ކުރާނެ ކަމަށެވެ. އެއީ އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދު ކުރެވޭ ގޮތަށް، ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކުރާ މިސްކިތްތަކެއް ކަމަށާއި މިސްކިތްތައް އެއާ ކަންޑިޝަން ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

އަދި އެ މިސްކިތް ކައިރީގައި ފާހަނާ ބަރިތައް ގާއިމު ކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި ހުރިހާ މިސްކިތެއް ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަވައި ނަމާދު ކުރަން ފެށޭ ވަރުވާނެއެވެ.

ގާސިމްގެ އިންތިހާބީ އެޖެންޓް އަލީ ވަހީދު ވިދާޅުވީ ރަށުގެ ބަނދަރު ސަރަހައްދުގައި ގާއިމު ކުރާ މިސްކިތް ވާނީ އަންހެނުންނާއި ފިރިހެނުންނަށް ނަމާދު ކުރެވޭ އިސްލާމީ އަސްލު ރަމްޒުކޮށްދޭ މިސްކިތަކަށް ކަމަށެވެ.

"ގާސިމްގެ މެނިފެސްޓޯގެ އެންމެ މުހިންމު އެއަކަމަކަށް އޮންނާނީ، ރާއްޖޭގެ ކޮންމެ ރަށެއްގެ މަލަމަތި ރާއްޖޭގެ ކޮންމެ ރަށެއްގެ ބަނދަރުމަތިން ރީތި ހިތްގައިމު އިސްލާމީ އަސްލު ރަމްޒުކޮށްދޭ މިސްކިތެއް ބިނާކޮށްދެއްވުން.، އެހެންވީމަ މި ލަންދޫގަވެސް އިރާދަކުރެއްވިއްޔާ ބަނދަރުމަތީގައި އަޅުގަނޑުމެން މިސްކިތެއް ބިނާކުރާނެ، އެއީ އަންހެނުންނަށްވެސް ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް އަދި ފާހާނާ ކުރެވޭފަދަ ޝަޚްސެއް." އަލީ ވަހީދު ވިދާޅުވިއެވެ.

ގާސިމް ވަނީ ހުރިހާ ސްކޫލްތަކެއްގެ ކްލާސް ރޫމްތައް އެއާ ކަންޑިޝަންކޮށް، ސްމާޓް ބޯޑް ހަރުކޮށް ދިނުމަށް ވެސް ވައުދުވެވަޑައިގެންފައެވެ. އަދި ސްކޫލްތަކަށް ފަހުގެ ޓެކްނޮލަޖީ ގާއިމުކޮށް ދެއްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.